ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިން، އިންޑިއާގައި ތަހުލީލު ކުރަމުން ދިޔަ ވޮލަންޓިއަރަކަށް މައްސަލައެއް ކުރިމަތިވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ވޮލަންޓިއަރަކަށް މައްސަލަ ދިމާވި ކަމަށް މައުލޫމާތު ލިބޭއިރު، އިންޑިއަގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ވަނީ، މި ކަން އިތުރަށް ތަހުގީގު ކުރުމަށް އިންކުއަރީއެއް ފަށާފައެވެ.

އަސްޓްރާޒެނީކާގެ އިސް އޮފިޝަލަކު ވިދާޅުވީ، މައްސަލަ ކުރިމަތިވީ ކަމުގައި ވީ ނަމަވެސް، ތަހުލީލުތައް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރޮއިޓާޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މައްސަލަ ކުރިމަތިވީ ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވި، އުމުރުން 40 އަހަރުގެ ފިރިހެނަކަށެވެ. އެ ގޮތުން، އެމީހާގެ ނާރުތަކުގެ ނިޒާމަށާ، ނަފްސާނީ ސިއްހަތަށް އަސަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މީހާއަކީ ސީރިއަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ބައިވެރިއެކެވެ.

އައިސީއެމްއާރްގެ އިސް އޮފިޝަލެއް ކަމަށްވާ ސަމީރާން ޕަންޑާވެސް ވިދާޅުވީ، ސީރިއަސް ކަންބޮޑުވުމެއް މި މަރުހަލާގައި ނެތް ކަމަށެވެ. ނަމަވެސް، މީގެ މާނައަކީ ދުރު ރާސްތާ އެސެސްމަންޓެއް ނުހަދާނެ ވާހަކަ ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މައްސަލައާ ކުރިމަތިލާންޖެހުނު ވޮލަންޓިއަރު ދަނީ، ބަދަލެއްގެ ގޮތުގައި 50 މިލިއަން ރުޕީޒް (676288 ޑޮލަރު) ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޓެސްޓު މަރުހަލާއާއި، ވެކްސިން ފޯރުކޮށްދިނުމުގެ މަރުހަލާ މަޑުޖައްސާލަންވެސް އޭނާ ދަނީ ޑިމާންޑް ކުރަމުންނެވެ.

އައިސީއެމްއާރްއިން ބުނީ، ވޮލަންޓިއަރަށް ކުރިމަތިވި މައްސަލައާއި، ވެކްސިން މަރުހަލާއާ އެއީ ދެކަމެއް ކަން އެމީހާއަށްވެސް މިހާރު އަންގާފައި ވާނެ ކަމަށެވެ.