ފަތުރުވެރިންގެ މެދުގައި މަގުބޫލު، ނިއުޒީލަންޑްގެ ވައިޓްއައިލަންޑްގައި ހުންނަ އަލިފާންފަރުބަދަ ގޮވާ، 22 މީހުން މަރުވި ހާދިސާގައި، 13 ބައެއްގެ މައްޗަށް ދައުވާ ކުރުމަށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ މި ހާދިސަގައި ސީރިއަސް އަނިޔާތަކެއް ލިބުނު ގިނަ އަދަދެއްގެ ބަޔަކު، މި ހާރުވެސް ދިރިއުޅެމުން އަންނަނީ އިންތިހާ ތަކުލީފުގައެވެ.

މި ހާދިސާގައި ޝިކާރައަކަށް ވި ގިނަ މީހުންނަކީ، ނިއުޒީލަންޑް ހިމެނޭ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ ކްރޫޝްޝިޕެއްގައި ތިބި ފަތުރުވެރިންނެވެ. އޭގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ފަތުރުވެރިން ހިމެނެއެވެ. އަލިފާން ފަރުބަދަ ގޮވި އިރު، ޖުމުލަ 47 މީހަކު ވައިޓްއައިލަންޑްގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ނިއުޒީލަންޑްގެ ވައިޓްއައިލަންޑް އަލިފާން ފަރުބަދަ ގޮވި ސަަރަހައްދުގައި ޑައިވަރުންގެ ޓީމު ހަރަކާތްތެރިވަނީ/ފޮޓޯ: އޭޕީ

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ނިއުޒީލަންޑްގެ އިދާރާ، ވޯކްސޭފް އިން ވަނީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނުގެ ދަށުން 10 ބަޔަކާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމާފައެވެ. ކުށް ސާބިތުވެއްޖެނަމަ، 1.5 މިލިއަން ނިއުޒީލަންޑް ޑޮލަރު ނުވަތަ 1.06 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. ދައުވާ ލިބޭ އަނެއް 3 ފަރާތަކީ، ވަކިވަކި ފަރުދުންނެވެ. މި 3 މީހުންނަކީ، ކުންފިނިން ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރު ކުރޭތޯ ބެލުމުގެ ޒިންމާ މަތިކޮށްފައި ވާ 3 މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 300000 ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަށެވެ.

ގޮވަން ކައިވެރިވެފައި ވާ ކަމުގެ އިންޒާރު ދީފައި ވަނިކޮށް، ވައިޓްއައިލަންޑަށް ފަތުރުވެރިން ގެންދިއުމުގެ މައްސަލައާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.