އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގުތައް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު މިކަމަށް ގޮވާލައްވާފައި ވަނީ، ފަލަސްތީނުގެ ރައްޔިތުން، އިސްތިގުލާލީ މިނިވަންކަން ކަށަވަރު ކުރުމަށް ކުރަމުންދާ ވަރުގަދަ ޖިހާދުގެ ހައްގުގައި މުޅި ދުނިޔެ އޮތްކަން އަންގައިދިނުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ، އަމިއްލަ ވަޒަނުގައި ތަކުލީފުތަކެއް އުފުލަމުން އަންނަ ބައެއް ކަން ދަތުމަށްވެސް ރައީސް ސޯލިހު ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

މިނިވަން ދައުލަތަކަށް ވުމަށް ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތުގައި، ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާލުވެފައެވެ.

ދިވެހިރާއްޖެއަކީ، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން، މިފިޔަ ހަފުތާ ބަންދުގައި ނައިޖާގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ މި ގޮވާލުން ތަކުރާރު ކޮށްފައެވެ. ދިވެހިރާއްޖެއިން ދަނީ 1988 ވަނަ އަހަރުން ފަށައިގެން، ރަސްމީ ސިފައެއްގައި ފަލަސްތީނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓަމުންނެވެ.