އެތައް ބައެއްގެ ފޮނި އުއްމީދުތަކަކާ ގުޅިފައި އޮތް 2020 ވަނަ އަހަރު، މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، އިނދަޖައްސާލީ، ހަމަ ލޮލަށްވެސް ނުފެންނަ، އިންތިހާއަށް ބާރުގަދަ ސިވިއާ އެކިއުޓް ރެސްޕިރެޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ ނަން ދީފައިވާ، ކުޑަކުޑަ ވައިރަހަކުންނެވެ.

މި ވައިރަހުން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިންނެވެ. ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދުން ފުރަތަމަ ކޭސް ރެކޯޑް ކުރަން ފެށި ކަމުގައި ވީ ނަމަވެސް، މި ވައިރަހުގެ ހަގީގީ އުފެދުން އޮތީ އެތަނުގައި، އަދި އެ ގައުމުގައިވެސް ނޫން ކަމަށް ޗައިނާއިން ވަކާލާތު ކުރެއެވެ.

ފާއިތުވީ ދޮޅުމަހެއްހާ ދުވަހު އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިން/ފޮޓޯ: ގެޓީ އިމޭޖަޒް

ސާސްކޮވް-2ގެ އަސްލަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ޗައިނާއިން އިލްޒާމުގެ އިނގިލި އަމާޒު ކުރަނީ އެކި ފަހަރު އެކި ގައުމަށެވެ. ދުނިޔޭގެ އެންމެ ހުޅަނގު ބިތުން، ޗައިނާގެ އެންމެ ބޮޑު އަދުއްވު، އެމެރިކާއާއި ވިލާތަށް އަމާޒު ކުރިއެވެ. މިހާރު، މި ތުހުމަތު އަމާޒުވަނީ، ސަރަހައްދީ ސުޕާޕަވަރަށް ވުމަށް ވާދަވެރި ރޫހެއްގައި ޒާތީ ހަސަދަވެރި ކަމެއް ގައި އޮތް އިންޑިއާއަށެވެ.

ޗައިނާގެ އެކަޑަމީ އޮފް ސައެންސަސް އާންމު ކޮށްފައިވާ ދިރާސާ އެއް ބުނާ ގޮތުގައި، ވޫހާންއަށް ދަތުރު ކުރުމުގެ ކުރިން، އެ ވައިރަހެއް އެންމެ ފުރަތަމަ ފެނިފައި ވަނީ އިންޑިއާއިންނެވެ. ވައިރަހުގެ މަސްދަރަކީ، 2019 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނަށް އިންތިހާއަށް ހޫނު ގަދަވެގެން ދިޔަ ދުވަސްވަރު، ފެން ބުއިމަށްޓަކައި، އިންސާނުންނާއި ވަލު ޖަނަވަރާރުންވެސް އެއް ވަސީލަތެއް ބޭނުން ކުރުން ކަމުގައި ވެދާނެ ކަމަށް މި ދިރާސާގައި ވަކާލާތު ކޮށްފައިވެއެވެ.

އަވަށްޓެރި އިންޑިއާގައި މީހެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ޕަނީތު ޕަރަންޖުޕޭ

ޗައިނާގެ ދިރާސާ އެކުލަވާލާފައިވަނީ، ފައިލޯޖެނެޓިކް އެނަލިސްސްއެއްގެ މައްޗަށް ބިނާ ކޮށެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ، ވައިރަހުގެ އެކި މިއުޓޭޝަންތައް ނުވަތަ ވައިރަހަށް އައިސްފައިވާ އެކި ބަދަލުތައް ދިރާސާ ކުރަމުންނެވެ. އެއީ އެންމެ މަދު ބަދަލެއް އައިސްފައި ވާނީ، ހަގީގީ ވައިރަސް ކަމަށް ވަކާލާތު ކުރަމުންނެވެ.

މި ނަޒަރުން ވައިރަހަށް ބަލަމުން ޗައިނާއިން ބުނީ، ވައިރަހުގެ ފެށުން އޮތީ ވޫހާންގައި ކަމަށް ބުނެވެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި، ތުހުމަތު އަމާޒު ކުރީ އިންޑިއާއަށެވެ. އަދި ބަންގްލަދޭޝްއަށެވެ. އެހެނީ، އެންމެ މަދު މިއުޓޭޝަންތައް ފާހަގަ ކުރެވިފައި ވަނީ އެ ސަރަހައްދުން ކަމަށް ބުނެއެވެ.

އިންޑިއާއަށް ފުރައްސާރަކޮށް ހަމަލާ ދެނިވި ރޫހެއްގައި އެކުލަވާލާފައިވާ މި ރިޕޯޓްގައި ވާ ވާހަކަތައް ބަލައިގަތުމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން އިންކާރު ކުރައްވައެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ދިރާސާ ކަރުދާހަނަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ދިރާސާއެކެވެ. އަދި މި ދިރާސާގައި މައްސަލަތަކެއް ހުރި ކަމަށްވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދާ އިންޑިއާއިން މެޓްރޯ ރޭލެއް ޑިސްއިންފެކްޓް ކުރަނީ/ފޮޓޯ: ޓީ ނަރާޔަން

ޔުނިވާސިޓީ އޮފް ގްލާސްގޯގެ ހެޑް އޮފް ވައިރަލް ޖެނޯމިކްސް އެންޑް ބައޮއިންފޯމެޓިކްސް ޕްރޮފެސާ ޑޭވިޑް ރޮބާޓްސަން ވިދާޅުވާ ގޮތުގައި، މިއީ މައްސަލަތަކެއް ހުރި ދިރާސާއެކެވެ. އެންމެ "ކުޑަކޮށް ބަދަލުވެފައިވާ" ވައިރަސް ސްޓްރެއިން ހޯދުމުގައި ދިރާސާ ޓީމު، ވަކި ފަރާތަކަށް ބުރަވާ ކަމަށް ޕްރޮފެސާ ރޮބާޓްސަން ވިދާޅުވެއެވެ. އަދި ޗައިނާގެ ދިރާސާއަކީ ސާސްކޮވް-2 އާ ބެހޭ އާ، އެއްވެސް މައުލޫމާތެއް ލިއްބައިދެނިވި ދިރާސާއެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ސާސްކޮވް-2ގެ ހަގީގީ ފެށުމަކީ ކޮބައިތޯ ދިރާސާ ކުރަމުން ކަމަށް ބުނެއެވެ. އަދި ވައިރަހުގެ ހަގީގީ ފެށުން އޮތީ ޗައިނާގައި ނޫން ކަމަށް ބުނުމަކީ، އެކަމާ މެދު ހޫނު ބަހުސެއް ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އިދާރާއިން ވަނީ އިއުތިރާފުވެފައެވެ.