ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތިބީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބި، ތަކުލީފު އުފަލަމުންދާ މުސްލިމް އުއްމަތުގެ ހައްގުގައި ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިޝާރާތް ކުރައްވައިފިއެވެ.
ޝާހިދު މިކަމަށް އިޝާރާތް ކުރައްވާފައި ވަނީ، ނައިޖާގައި މިހާރު ކުރިއަށްދާ އޯއިސީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ސިލްސިލާ ބައްދަލުވުމުގައި، ތަގުރީރު ކުރައްވަމުންނެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް، މިނިވަން ކަމަށް ކުރާ ހަނގުރާމައާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް އުފައްލަން ޖެހިފައި ވަނީ ވަކިން ބުރަ ތަކުލީފެއް ކަން ޝާހިދުގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، 1967 ވަނަ އަހަރުގެ ސަރަހައްދީ އިންތަކާ އެކު، ވަކިވެފައި ވާ މިނިވަން 2 ދައުލަތް އުފެދި، ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައެޅިގެން ދިއުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.
މެދުއިރުމައްޗާއި އެ ސަރަހައްދުގެ އަހުންނާއި އުހުތުންނަށް ސުލްހަ ލިބުމަށް ދިވެހިރާއްޖޭގެ އަހުލުވެރިން އެދޭ ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ހަމަ މިމޭރުމުން ޝާހިދު ވަނީ، އަނިޔާ ލިބެމުންދާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުގައި، އެ ރައްޔިތުންނަށް އިންސާފު ހޯދާ ދިނުމަށް ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) ގައި ގެމްބިއާއިން ކުރަމުންދާ މަސައްކަތްތަކުގައި އެ ގައުމާއެކު މަސައްކަތް ކުރުމަށް ރާއްޖެއިން އެދޭ ކަން ހާމަ ކުރައްވާފައެވެ.
މުސްލިމުންނާ ދެކޮޅަށް ދުނިޔޭގައި ފެތުރެމުންދާ އޮއެވަރުގެ ނޭދެވޭ އަސަރު، ގިނަ އަދަދެއްގެ މުސްލިމުންގެ ދިރިއުޅުމަށް ފޯރަމުންދާ ކަންވެސް، ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
އިސްލާމް ދީނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ އޮއެވަރުން އިސްލާމީ މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި، މި ކަމާ ކުރިމަތިލާނެ އުސޫލެއް، އޯއައިސީއާއި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން އެކުލަވާލުމަށްވެސް ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން، ދިވެހިރާއްޖެއިން ދަނީ، މި އިއްތިހާދުގައި ހަރަކާތްތެރި ދައުރެއް އަދާ ކުރަމުން ކަން، ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ.