އީރާނުގެ އެންމެ އިސް ނިއުކްލިއާ ސައެންޓިސްޓް މަރާލި ކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވައުދުވެއްޖެއެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއު އެންމެ ފޯރީގައި ކުރިއަށް ގެންދިޔަ އިރު އެންމެ އިސްކޮށް ހަރަކާތްތެރިވި ސައެންޓިސްޓް މުހްސިން ފަހްރީޒާދީ މަރާލާފައިވަނީ، ވެރިރަށް ތެހްރާން ކައިރިން، ހުކުރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ފަހްރީޒާދީ މަރުވީ، އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، ހޮސްޕިޓަލުގައެވެ.

އީރާނުގެ ރޫހީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީގެ ދިފާއީ މުޝީރު، ހުސައިން ދިހްގާން ވަނީ، މި ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކަށް، ހޮނުގުގުރި ޖަހާ ބާރު މިނުގައި އީރާނުން ރައްދު ހަމަލާ ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ފަހްރީޒާދީއަކީ، އީރާނުން "އުއްމީދު"ގެ ނަމުގައި ހިންގި މަޝްރޫއުގެ އިސްވެރިޔާއެވެ. އިސްރާއިލާއި، އެމެރިކާ އަދި ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި އީރާނުގެ މި އޮޕަރޭޝަނަކީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް އީރާނުން ހިންގާ މަޝްރޫއުއެކެވެ. ނަމަވެސް އީރާނުން ވަކާލާތު ކުރާ ގޮތުގައި، އެގައުމުގެ ނިއުކްލިއާ މަޝްރޫއުގެ ފަހަތުގައި އޮތީ، ސުލްހަވެރި، މަދަނީ މަގުސަދެކެވެ.

އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ، "ޓެރަރިޒަމް"ގެ މި އަމަލު ކުށްވެރި ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. މި ހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލު ކަމަށް ޒަރީފު ވަނީ ތުހުމަތު ކުރައްވާފައެވެ. އިސްރާއީލަށް އަމާޒު ކުރަމުންދާ ތުހުމަތުތަކަށް އަދި ރައްދެއް ދީފައެއް ނުވެއެވެ.

ފަހްރީޒާދީ މަރާލަން ހަމަލާ ދިނީ، އެނާ ދަތުރު ކުރަމުން ދިޔަ އުޅަނދަށް އަމާޒުކޮށް، ހަތިޔާރުއެޅި ޓެރަރިސްޓުންތަކެއް ކަމަށް އީރާނުގެ ދިފާއި ވުޒާރާއިން އާންމު ކުރި ބަޔާނެއްގައިވެއެވެ.

ޓެރަރިސްޓުންނާއި، ފަހްރީޒާދީގެ ހަށިފާރަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ކުރިއަށް ދިޔަ ކަމަށާ، ފަހްރީޒާދީއަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ހަބަރު ލިބެއެވެ. ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމުގައި ވީ ނަމަވެސް، ފަހްރީޒާދީގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވީ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

ފަހްރީޒާދީ އެންމެ ފަހުން ހިދުމަތް ކުރަމުން ދިޔައީ، އީރާނުގެ ދިފާއީ ވުޒާރާގެ ރިސާޗް އެންޑް އިނޮވޭޝަން އޮގަނައިޒޭޝަންގެ އިސްވެރިޔާގެ މަގާމުގައެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މަޖީދު ތަހްތު ރަވާންޗީ ވިދާޅުވީ، ފަހްރިޒާދީ މަރާލަން ދިން ހަމަލާއަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާ، މި ހަމަލާ ފަރުމާ ކޮށްފައި ވަނީ، ސަރަހައްދީ ހަމަނުޖެހުމެއް ތަނަވަސް ކުރަން ކަމަށެވެ.

ފަހްރީޒާދީއަކީ، އީރާނުން "އުއްމީދު"ގެ ނަމުގައި ހިންގި މަޝްރޫއުގެ އިސްވެރިޔާއެވެ. އިސްރާއިލާއި، އެމެރިކާ އަދި ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި އީރާނުގެ މި އޮޕަރޭޝަނަކީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް އީރާނުން ހިންގާ މަޝްރޫއުއެކެވެ. ނަމަވެސް އީރާނުން ވަކާލާތު ކުރާ ގޮތުގައި، އެގައުމުގެ ނިއުކްލިއާ މަޝްރޫއުގެ ފަހަތުގައި އޮތީ، ސުލްހަވެރި، މަދަނީ މަގުސަދެކެވެ.