މިދިޔަ ފަސް އަހަރު ތެރޭ އަންހެނުންނަށް ކުރާ އަނިޔާ އާ ގުޅޭ 1409 މައްސަލަ އެއް ރިޕޯޓުކޮށްފައިވާ ކަމަށް ސްޓެސްޓިކްސް މޯލްޑިވްސް އިން ބުނެފިއެވެ.

ސްޓެސްޓިކްސް މޯލްޑިވްސް އިން ބުނީ 2015 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އާ ގުޅޭ 1409 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާ އާ ގުޅޭ 792 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަފްސާނީ އަނިޔާގެ 431 މައްސަލަ އެއް ރިޕޯޓުކޮށްފައިވާއިރު ޖިންސީ އަނިޔާގެ 186 މައްސަލަ އެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތާފަސް ހިސާބުތަކުން ދައްކައެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ވެސް މިވަނީ ރާއްޖޭގައި މިހާރު އާންމުވެފައެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ.

އެ ގޮތުން އިހުމާލުވުމުގެ 43 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ޖިންސީ ހާނިކައިގެ 38 މައްސަލަ، ޖިސްމާނީ ހާނިކައިގެ 24 މައްސަލަ، ނަފްސާނީ ހާނިކައިގެ 9 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުން 15 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ 4 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ހަމައެއާއެކު އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައަކާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ވެސް މިިދޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.

މިހަފްތާގައި ވެސް ވަނީ ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައެވެ. އެމައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފަިއވާއިރު ހައްޔަރުކުރި 24 އަހަރުގެ މީހާ ވަނީ 15 ދުވަހުގެ ބަންދުގެ މުައްދަތެއް ދީފައެވެ. އަދި ހައްޔަރުކުރި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުގްޔާ ކުރާ މީހާގެ އިތުރުން އޭނާ ފަހުން ކައިވެނިކުރި ފިރިމީހާ ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ތިން މަސް ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ތަފާތު އަނިޔާތައް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މައްސަލައިގެ ހައްޔަރު ކުރި 24 އަހަރުގެ މީހާއަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވުމާއެކު، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ރިޕޯޓުކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.