ގާތްގަނޑަކަށް 3000 ނުވާތަ 5000 އަހަރު ވެފައި ވާނެ ކަމަށް ބެލެވޭ، އާދަޔާ ހިލާފު ބޮޑުމަހެއްގެ ކަށިގަނޑު، ތައިލޭންޑުން ފެނިއްޖެއެވެ.

ގިނަ ދުވަސްވެފައި ވީ ނަމަވެސް، މާ ބޮޑު ގެއްލުންތަކެއް ނުލިބި އޮތް މި ކަށިގަނޑު ފެނިފައި ވަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ބޭރުން، ދެކުނުން އައްސޭރިފަށުގެ ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ.

ތައިލޭންޑުން މި ފެނުނު އެތައް ހާސް އަހަރެއްވީ ބޮޑުމަހުގެ ކަށިގަނޑަކީ، ތާރީހަށް ހުޅުވިގެން ދާނެ ކުޑަ ދޮރަކަށް ވާނެ ކަމަށް ތަޖުރިބާކާރުން އުއްމީދު ކުރެއެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑުގެ އުސް/ތިރި މިނަށް އައި ބަދަލުތަކާއި، ގުދުރަތީ ދިރުންތަކާ ބެހޭ ދިރާސާތައް ކުރެވޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން އުއްމީދު ކުރެއެވެ.

ތައިލޭންޑްގެ ތިމާވެއްޓާ ބެހޭ ވަޒީރު ވަރަވޫޓް ސިލްޕާ-އާރްޗާ ވިދާޅުވީ، މި ބޮޑުމަހުގެ ކަށިގަނޑުގެ 80 ޕަސެންޓް މިހާރު ރައްކާތެރި ކަމާއެކު ނަގާފައި ވާ ކަމަށެވެ.

ތައިލޭންޑުން ފެނުނު އާދަޔާ ހިލާފު ބޮޑުމަހުގެ ކަށިގަނޑު / ފޮޓޯ: ވަރަވޫޓް ސިލްޕާ-އާރްޗާ | ފޭސްބުކް

ކާބަންޑޭޓް ކޮށްގެން، މި ބޮޑުމަހުގެ ހަގީގީ އުމުރު ދެނެގަތުމުގެ މަސައްކަތް އޮތީ ކުރިއަށެވެ. މި ނަތީޖާ ލިބޭވަރު ވާނީ އަންނަ ޑިސެމްބަރު މަހުކަމަށް ލަފާކުރެވެއެވެ.

12 މީޓަރު ނުވަތަ ގާތްގަނޑަކަށް 39 ފޫޓު ދިގު މި ކަށިގަނޑު ފެނިފައި ވަނީ މި ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ. މި ބޮޑުމަހުގެ ބޮލާވީ ހިސާބުގައި އެކަނިވެސް 3 މީޓަރު ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.

މިއީ ބްރައިޑްސް ވޭލްއޭ ކިއުނު ޒާތުގެ ބޮޑުމަހެއް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. މި ޒާތުގެ ބޮޑުމަސް، މިހާރުވެސް ތައިލޭންޑްގެ ކަނޑުގެ ސަރަހައްދުން ފެނެއެވެ.