14 ދުވަހުގެ ކަރަންޓީނަކީ އެންމެ ފުރިހަމަ މުއްދަތު ކަމަށް ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ދިރާސާތަކާއި ކޮވިޑު ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކަށް ބަލާއިރު ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. ނަމަވެސް ފަސް ދުވަހަށް ކަރަންޓީން ކޮށްފި ނަމަ ދެނެގަނެވޭނީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 55 އިންސައްތަ ކަމަށާއި، އެގޮތުން 100 މީހަކު ކޮވިޑަށް ޕޮޒިޓިވް ވާއިރު 45 މީހުން ނޭނގި ދޫވެގެން ދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ޗައިނާ އާއި ނިއުޒީލެންޑް އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަނީ 14 ދުވަހުގެ ކަރަންޓީނެއް ކަން ފާހަގަ ކުރައްވާފައެވެ.
ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް މިހާރު ދެވޭއިރު މާލޭ ސަރަހައްދުން އަތޮޅު ތެރެއަށް ދާ މީހުން 14 ދުވަސް ކަރަންޓީން ވާން ޖެހެއެވެ. 10 މީހުންނަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނަށް ރަށަކަށް ދާނަމަ، ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އުސޫލުގައި ވާގޮތުން ކޮވިޑް-19 ގެ ސްޕްރެޑް އޮތް ތަނަކުން ސްޕްރެޑް ނެތް ތަނަކަށް 10 މީހުންނަށް ވުރެ ގިނަ އަދަދެއްގެ މީހުން ދާނަމަ ނުވަތަ ރާއްޖޭން ބޭރުންވެސް ބިދޭސީ މަސައްކަތް ތެރިން ރަަށަކަށް ދާނަމަ، ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.
ކަރަންޓީންވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީން ވުމުގެ އުސޫލާއި އެއްގޮތަށް 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެއެވެ.