އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑަން ކަމަށް އިލެކްޓޯރަލް ކޮލެޖުން ރަސްމީކޮށް އިއުލާންކޮށްފިނަމަ، ވައިޓްހައުސް ދޫކުރައްވާ، ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއީ ވައިޓްހައުސް ދޫކޮށްލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ އާ ރައީސްއަކީ ބައިޑަން ކަމަށް އިލެކްޓޯރަލް ކޮލެޖުން ރަސްމީކޮށް ނިންމައިފިނަމަ ވައިޓްހައުސް ދޫކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ޓްރަމްޕް ވަނީ، މި ނިންމުމަކީ "ގޯހަކަށް" ވާނެ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބާ ގުޅިގެން، އެއްވެސް އަސާސެއް ނެތް އިލްޒާމްތަކެއްވެސް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފޯރިގަދަ އިންތިހާބަށް ފަހު، މީޑިއާއިން ކުރިމަތި ސުވާލުތަކަށް ފުރަތަމަ ފަހަރަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ޖަނަވަރީ މަހު ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. ނަމަވެސް، މިހާރުން ފެށީގެން އެހާތަނާ ޖެހޭއިރު، އިންތިހާބުގެ ނަތީޖާ އަނބުރާލަނިވި ކިތަންމެ ކަމެއް މެދުވެރިވެދާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޓްރަމްޕާއި އޭނާގެ ކެމްޕޭން ޓީމުން ތަކުރާރު ކޮށް ތުހުމަތުކޮށް، ކޯޓުތަކަށް މައްސަލަ ވައްދާފައި ވީ ނަމަވެސް، ސާބިތު ހިފޭ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނެތެވެ.

އިލެކްޓޯރަލް ކޮލެޖު އެކުލެވިގެން ވަނީ ޖުމުލަ 538 މެމްބަރުންގެ މައްޗަށް ކަމަށް ވާއިރު، ރިޔާސީ ގޮނޑިކޮޅު ކަށަވަރު ކުރެއްވުމަށް 270 ވޯޓު ބޭނުންވެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ހަމަޖެހިފައި އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށް، ކުރިއަށް އޮތް ހަތަރު ދުވަހުގެ ވެރިކަން ކަށަވަރުވެއެވެ.

އެގޮތުން ބައިޑަން މިހާރު ވަނީ އިލެކްޓޯރަލް ކޮލެޖުން 306 ވޯޓު ކަށަވަރު ކުރައްވާފައެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުންނެވި ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ 232 ވޯޓެވެ. އިލެކްޓޯރަލް ވޯޓަކީ ވަކިވަކި ސްޓޭޓްތަކުގެ އާބާދީގެ ނިސްބަތުން އެ ސްޓޭޓްތަކަށް ދީފައިވާ ވޯޓުތަކެކެވެ.

ރިޔާސީ އިންތިހާބުގައި، ރައްޔިތުން ވޯޓު ދިން ކަމުގައި ވީ ނަމަވެސް، ރައީސަކު ކަނޑައެޅުމުގައި ގޮތް ނިންމާ ވޯޓު ދޭނީ އިލެކްޓޯރަލް ކޮލެޖުންނެވެ. އިލެކްޓޯރަލް ކޮލެޖުގައި ހިމެނޭނީ، ވަކިވަކި ސްޓޭޓްތަކުން އައްޔަން ކޮށްފައި ތިބޭ، ވަކި ބައެކެވެ. މީގެ ތެރޭގައި ސިޔާސީ ފިކުރުގެ މީހުން ހިމެނޭއިރު، އިލެކްޓޯޜަލް ކޮލެޖުގެ ވޯޓުގައިވެސް އެކުލަ ޖެހެއެވެ.

ރައްޔިތުން ނިކުމެގެން ލާ ވޯޓަކީ ޕޮޕިއުލާ ވޯޓެވެ. ރައްޔިތުންގެ ވޯޓުގައި މަދުން ވޯޓު ލިބޭ ކެންޑިޑޭޓަށްވެސް ރިޔާސަތު ކާމިޔާބު ވެދާނެއެވެ. 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އާންމުންގެ ވޯޓު ކާމިޔާބުކުރެއްވީ ހިލަރީ ކްލިންޓަން އެވެ. އެހެންނަމަވެސް އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވައިގެން ވެރިކަމުގައި އެ ހުންނެވީ ޓްރަމްޕްއެވެ.