ދުނިޔޭގެ އެކި ކަންކޮޅުތަކުން 61 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޭންޖެއްސި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންއަކީ ކާމިޔާބު ވެކްސިނެއް ކަމަށް މިދިޔަ ހޯމަ ދުވަހު އާންމުވި ހަބަރާއެކު، މުޅި ދުނިޔެވެސް ހަމަޖެހުމުގެ ނޭވާއެއް ލީ ފަދައެވެ.

ކާމިޔާބު ވެކްސިނެއް އުފެއްދުމަށް މިހާތަނަށް ބޭނުން ކޮށްފައި ނުވާ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިނާއި، ހަމަ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮޑާނާއިން ތަރައްގީ ކުރި ވެކްސިންގެ ކާމިޔާބީގެ ފަހަތުން، އަސްޓްރާޒެނީކާގެ ކާމީޔާބީ ހާމަ ކުރުމުން އުއްމީދު އާވީއެވެ. ފައިޒާ އަދި މޮޑާނާގެ ވެކްސިންތަކަށް ވުރެ އަގުގެ ގޮތުން ބަލާއިރު، ޖީބަށް ލުއި ވެކްސިނަކަށްވެސް ވީތީއެވެ.

އެ ފޮނި ހުވަފެނުގައި ދުނިޔެއަށް އޮވެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ބުރާސްފަތި ދުވަހު އިނގިރޭސިވިލާތާ އެމެރިކާގެ މީޑިއާއިން ގުގުމަން ފެށީ، އަސްޓްރާޒެނީކާގެ ވެކްސިނާ ގުޅޭ، ހިތްތަށް ދަތި ކުރަނިވި ވާހަކަތަކެކެވެ. ސުވާލު އުފައްދަމުން ދިޔައީ ވެކްސިންގެ ތަފާސް ހިސާބުތަކާ މެދުގައެވެ. އެއީ ފަހަރެއްގައިވެސް ވެކްސިންގެ ރައްކާތެރި ކަމާ މެދު އުފެއްދި ސުވާލުތަކެއް ނޫނެވެ. ނަމަވެސް، ކާމިޔާބީ އާ މެދު އުފެދުނު ސުވާލުތަކެކެވެ.

ވެކްސިން ތަރައްގީ ކުރުމުގެ މަރުހަލާ ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ދަ ޕްރިންޓް

ވެކްސިންގެ ކާމީޔާބީގެ 3 މިންގަނޑެއްގެ ވާހަކަ ފެންމަތިވިއެވެ. ޖުމުލަ ގޮތެއްގައި 70 ޕަސެންޓް ކާމިޔާބު ކަމަށް ބުނިއިރު، ކާމިޔާބީގެ އެންމެ ދަށް މިންގަނޑަކީ 62 ޕަސެންޓް ކަމާއި، އެންމެ މަތީ މިންގަނޑަކީ 90 ޕަސެންޓް ކަމަށް ރިޕޯޓް ކުރިއެވެ.

މިކަން މިހެން ދިމާވީ ސަބަބެއް ނެތިއެއް ނޫނެވެ. ތަހުލީލީ މަރުހަލާގައި ވެކްސިންގެ ޑޯޒް ހަމަ ކުރުމަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. ބައެއް ވޮލަންޓިއަރުންނަށް ޑޮޒް ދެވުނީ، ކަނޑައަޅާފައިވާ މިންގަނޑުގެ 2 ބައިކުޅަ 1 ބަޔަށް ވާހާ މިންވަރަކަށެވެ. ނަމަވެސް، ފާހަގަ ކުރަންޖެހޭ ކަމަކީ، "ނުބައިކޮށް" ދެވުނު ޑޯޒްގެ ކާމިޔާބީ ވަރުގަދަ ކަމެވެ.

މާނައަކީ ކޮބާ؟

ވެކްސިންގެ ބައެއް ޝޮޓްތަކަކީ، އެ ފަރުމާކޮށްފައިވާ މިންގަނޑުތަކަށް ވުރެ ބަލިކަށި ޝޮޓްތަކެކެވެ. ވެކްސިން ބޭނުން ކުރާ މީހާއަށް ދިފާއު ލިއްބައިދިނުމަށް ވެކްސިންގައި އެކުލެވޭ މާއްދާގެ މިންވަރު މަދު ޝޮޓްތަކެކެވެ.

އަސްޓްރާޒެނީކާގެ ވެކްސިން ފުރިހަމަ ވަނީ 2 ޑޯޒްއަކުންނެވެ. ފުރަތަމަ ބޫސްޓަރަށް ފަހު، 2 ވަނަ ޑޯޒް ދެނީ މަހެއްހާ ދުވަސް ފަހުންނެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާގެ ކޭމްބްރިޖް އޮފީސް އިމާރާތް/ފޮޓޯ: އެލިސްޓެއާ ގްރާންޓް

ތަހުލީލީ މަރުހަލާގައި ބައިވެރިވި ގިނަ ވޮލަންޓިއަރުންނަށް 2 ޑޯޒްވެސް ދީފައި ވަނީ ރަނގަޅަށް ކަމަކު، އެކަން ފުރިހަމަ ނުވާ ބަޔަކުވެސް ތިއްބެވެ.

ކަމާ ބެހޭ ރެގިއުލޭޓަރުންނަށް ދުރާލާ އެކަން އެނގުނެވެ. އަދި އިތުރު ވޮލަންޓިއަރުންނަށް ދިފާއު ހޯދާ ދިނުމަށާއި ތަހުލީލުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނެވެ. މި އެރި އޮޅުމަކީ، ވެކްސިންގެ ރައްކާތެރި ކަމާ ގުޅިފައި ވާ ކަމެއް ނޫނެވެ.

ނަތީޖާ އަކީ ކޮބާ؟

ތަހުލީލީ މަރުހަލާގެ 3000 އެއްހާ ބައިވެރިންނަށް އެންމެ ފުރަތަމަ ދިނީ ބައި ޑޯޒްއެވެ. ދެވަނަ ޝޮޓްގެ ފުލް-ޑޯޒް ދިނެވެ. ނަތީޖާ ދައްކާ ގޮތުން، މި ގުރޫޕަށް 90 ޕަސެންޓް ކާމިޔާބީ ހާސިލުކުރެވުނެވެ.

9000 އެއްހާ ވޮލަންޓިއަރުން ވަނީ ފުރިހަމަ 2 ޑޯޒް ނަގާފައެވެ. މި ގުރޫޕުގެ ކާމިޔާބީ ރޭޓަކީ 62 ޕަސެންޓެވެ.

މިއާއެކު، ވެކްސިނަކީ، ކޮވިޑް-19 އިން ދިފާއުވުމަށް އެވަރޭޖު ގޮތެއްގައި 70 ޕަސެންޓް ކާމިޔާބު ލިއްބައިދޭނެ ވެކްސިނެއް ކަމަށް އަސްޓްރާޒެނީކާއިން އިއުލާން ކުރިއެވެ. ނަމަވެސް، ތަފާސް ހިސާބުތައް ވީ، މާހިރުންނަށް ހަޖަމް ކުރަން ދަތި އެއްޗަކަށެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ވިޔަޗެސްލޭފް ޕްރޮކޮފްޔޭފް

ކަން މިހެން އޮތް އިރު، އަސްޓްރާޒެނީކާއިންވަނީ މިހާރު އާންމު ކޮށްފައި ވަނީ އިބްތިދާއީ ތަފާސް ހިސާބުތަކެއް ކަމަށާ، އެއީ އެއްވެސް ހާލެއްގައި، ފުރިހަމަ އަދި އެންމެ ފަހުގެ ތަފާސް ހިސާބުތަކެއް ނޫން ކަމަށް އިއުތިރާފްވެފައެވެ. ފައިޒާއާއި މޮޑާނާއިންވެސް އާންމު ކުރީ އިބްތިދާއީ ހޯދުންތަކެކެވެ. މި ތަފާސް ހިސާބުތަކާއި ކާމިޔާބީގެ ވާހަކަ އިއުލާން ކުރީވެސް ޕްރެސް ރިލީޒްތައް މެދުވެރިކޮށެވެ. ފުރިހަމަ ދިރާސާއެއް ނިމިމުން، މި މައުލޫމާތު އެންމެ ފުރަތަމަވެސް އާންމު ކުރާނީ ސިއްހީ ދާއިރާގެ އިލްމީ ޖާނަލްތަކުގައެވެ.

އެއްވެސް ކަމެއް ބަދަލު ވާނެތަ؟

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ، ކޮވިޑް-19ގެ ވެކްސިނެއްގެ ކާމިޔާބީ ރޭޓް، އެންމެ ދަށް ވެގެން 50 ޕަސެންޓްގައި އޮންނަން ޖެހޭނެ ކަމަށް ލާޒިމު ކޮށްފައެވެ. އަސްޓްރާ ޒެނީކާގެ އެންމެ ދަށް ގިންތިއަށް ބަލާއިރުވެސް، މި އަމާޒަށް ވާސިލުވެވެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑް-19 ވެކްސިން ތަރައްގީ ކުރަމުންދަނީ އަސްޓްރާޒެނީކާއާއި ގުޅިގެން/ފޮޓޯ: އެންބީސީނިއުސް

އޮކްސްފޯޑްގެ ޓީމުން މިހާރު ދަނީ، ފުރިހަމަ 2 ޑޯޒް ނެގި ގުރޫޕަށް ވުރެ، "ނުބައިކޮށް" ޑޯޒް ދެވުނު ގުރޫޕުގެ ކާމިޔާބު ރޭޓު މަތިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އެއް ގޮތަކަކީ، ފުރަތަމަ ޑޯޒް މަދުން ދިނުމަށް ފަހު ދެވަނަ ޑޯޒް ފުރިހަމައަށް ދިނުމުން ހަގީގީ ބަލި ޖެހުމުން މެދުވެރިވާ ހާލަތު ނަކަލުވެ، ދިފާއީ އިޖާބަ ވަރުގަދަ ވުމެވެ. އަނެއް ގޮތަކީ، "ނުބައިކޮށް" ޑޯޒް ދެވުނު ގުރުޕޫގައި ތިބި މީހުންނާއި ދެން ތިބި ވޮލަންޓިއަރުންގެ މެދުގައި ޖިސްމާނީ ތަފާތުތަކެއް ހުރުމެވެ.

މިކަމުގައި ގޮތް ނިންމާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. މީގެ އެތައް އަހަރެއް ކުރިން އުފެދުނު ބަލިތަކަށްވެސް އަދި ވެކްސިނެއް ހޯދިފައި ނުވާ ކަން ގަބޫލު ކުރަން ޖެހެއެވެ. އޭގެ ތެރޭގައި އެޗްއައިވީ، ޓީވީ އަދި މެލޭރިއާއަކީ ރަނގަޅު މިސާލުތަކެކެވެ. އެޗްއައިވީ ފަދަ ބަލިތަކުން ދިފާއު ހޯދުމަށްވެސް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައީއެވެ. ކޮވިޑް-19އިން ދިފާއުވުމަށްވެސް މިވަގުތު އޮތީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ދިފާއު ހޯދުމެވެ. މާސްކު ބޭނުން ކުރުމާއިއެކު ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމެވެ. ގިނަގިނައިން، ރަނގަޅަށް އޮތް ދޮވުމާއި، ކަމާ ބެހޭ ފަރާތްތަކުންދޭ އެނޫންވެސް އިރުޝާދުތަކަށް އަމަލު ކުރުމެވެ.