ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައި ދުވަސްތައް ގުނަން ފެށިފަހުން ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ، ވަކިން ހާއްސަކޮށް ގެވެށި އަނިޔާ އިތުރު ވެފައި ވާ ކަމަށް، އދން ބުނެފިއެވެ.

މިއީ ކޮވިޑް-19ގެ ކާރިސާގެ ހިޔަނީގައި އުފެދެމުން އަންނަ "ހިޔަނި ބަލިމަޑުކަމެއް" ގެ ގޮތުގައި އދއިން މިކަން ސިފަކުރެއެވެ. އަދި މިއީ، މިކަމެއް ހުއްޓުވުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމެއް ކަންވެސް އދއިން ފާހަގަ ކުރެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ނިޒާމު އިނދަޖެހި، އަސާސީ ހިދުމަތްތަކަށް ބުރޫ އަރަން ފެށިއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް ހިމާޔަތް ދޭ "އަމާން ހިޔާ" ތަކުގެ ދޮރުތައް ބަންދުވެ، އެހީގެ ހޮޓްލައިންތަކަށް ބުރޫ އެރިކަން އދއިން ފާހަގަ ކުރެއެވެ. ބައެއް ތަންތަނުގެ ކެޕޭސިޓީ ފުރުނީއެވެ.

ކޮންމެ 3 އަންހެނަކުން/އަންހެންކުއްޖަކުން 1 އަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. ނުވަތަ ކުއްޖެކެވެ. ގިނަ ފަހަރަށް މި އަނިޔާ ދެނީ، ހަޔާތުގެ ބައިވެރިޔާއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ގެވެށި އަނިޔާގެ ކޭސްތައް ރިޕޯޓް ކުރާ މިންވަރު، ގިނަ ގައުމުތަކެއްގައި އިތުރު ވެފައި ވާ ކަމަށް އދއިން ބުނެއެވެ. އދއިން ފާހަގަ ކުރާ ގޮތުގައި، ކައިވެންޏެއްގައި ނުވަތަ އެއްބަސްވުމެއްގެ ދަށުން އެކުގައި އުޅޭ ދެމީހެއްގެ މެދުގައި ޖިންސީ ގުޅުން ހިންގުމާއި، ދޭތެރެ ދުރުކުރާ ވަސީލަތްތައް ބޭނުން ކުރުމާއި، ސިއްހީ ފަރުވާ ހޯދުމުގައި ދެ މީހުންގެ ރުހުން އޮންނަނީ އެންމެ 52 ޕަސެންޓް ހާލަތުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަކި ހިއްޕާލާފައިވާ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގް)ގެ މައްސަލައަށް ބަލާއިރު، ޝިކާރައަކަށްވެފައިވާ އާބާދީގެ 71 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާ އަންހެން ކުދިންނެވެ. މީގެ ތެރެއިން ކޮންމެ 4 އަންހެނެއް ނުވަތަ އަންހެން ކުއްޖަކުން، 3 މީހެއް ނުވަތަ ކުއްޖަކީ، ޖިންސީ ގޮތުން އަނިޔާ ލިބޭ ބައެއް ކަންވެސް އދއިން ފާހަގަ ކުރެއެވެ.

ކަން މިހެން އޮތްއިރު، ކޮވިޑް-19ގެ އިޖާބައާއި، ބަލިމަޑުކަމުން އަރައިގަތުމަށް ގައުމު އާރާސްތު ކުރުމުގައި، އަންހެނުންނަށް ކުރާ އަނިޔާއާގެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން އެ ކަންކަމަށް ރިއާޔަތް ކުރުމަށް އދއިން ގޮވާލައެވެ.

އދއިން މިކަމަށް ގޮވާލާފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ " އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ދުވަހުގެ" މުނާސަބާގައެވެ. ދުވަހުގެ ޝިއާރެއް ކަމުގައި އދއިން ކަނޑައަޅާފައި ވަނީ "އޮރެންޖު ދަ ވޯލްޑް: ފަންޑް، ރެސްޕޯންޑް، ޕްރިވެންޓް، ކަލެޓް" – މި ޝިއާރެވެ. އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ދުވަހުގެ ކުލައެއްގެ ގޮތުގައި ބޭނުން ކުރަނީ އޮރެންޖު ކުލައެވެ.

ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، ދެ ޖިންސުގެ ހަމަހަމަ ކަމާ، އަންހެނުންގެ ހައްގުތައް ކަށވަަރު ކުރުމަކީ، މި ބަލިމަޑުކަމުން އަރައިގަތުމުގެ އަސާސް ކަމަށެވެ.

މި ދުވަހު، ކޮންމެ މީހަކުވެސް ކޮންމެވެސް ގޮތަކުން އޮރެންޖު ކުލަ ފާޅުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވެސް ވަނީ ގޮވާލައްވާފައެވެ.