2020 އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ ބެސްޓް ޑްރާމާ ސީރީޒް، ނެޓްފްލިކްސް ގެ ސީރީސް "ދެއްލީ ކްރައިމްސް" އަށް ލިބިއްޖެއެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުޅި ދުނިޔެ ސިއްސުވާލި "ދިއްލީ ގޭންގް ރޭޕް" ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިފައި ވަނީ ޝިފާލީ ޝާހްއާއި ރާޖޭޝް ތައިލާންގް ފަދަ ތަރިންނެވެ.

އެވޯޑާއި ހަވާލުވެ ވާހަކަދައްކަމުން، ސީރީޒް ޑައިރެކްޓާ ރިޗީ މެހެތާ ވަނީ، ގޭންގް ރޭޕްގެ ޝިކާރައަކަށްވެ، މި ދުނިޔެ ދޫކުރި ޒުވާން އަންހެން ކުއްޖާއާއި އޭނާގެ މަންމަގެ ހަނދާން އާ ކޮށްފައެވެ.

"އަހަރެން މި އެވޯޑް ހަދިޔާ ކުރަނީ ހަމައެކަނި، ފިރިހެނުންގެ ފަރާތުން އަނިޔާ ލިބޭ އަންހެނުންނަކަށް ނޫން. އެ އަނިޔާތަކުން ސަލާމަތް ވުމަށް ހައްލު ހޯދަން މަސައްކަތް ކުރާ އަންހެނުންނަށްވެސް މި އެވޯޑް ހާއްސަ ކުރަން. ވަކިން ހާއްސަކޮށް އެ ދެމައިންނަށް. އެންމެ ދުވަހެއްވެސް ނުދާނެ ތި ދެމައިން މަތިން އަހަރެން ހަނދާން ނުވާ... ދުނިޔެ ތި ދެމައިންނަށް ޖެއްސި ހާލުގެ މަތިން ހަނދާން ނުވާ. އެއްވެސް މީހަކު އެކަން ހަނދާން ނުނެތޭނެ ކަމަށް އުއްމީދު ކުރަން" އިނާމާ ހަވާލުވެ، ވާހަކަދައްކަމުން ރިޗީ މެހްތާ ބުންޏެވެ.

އާދިލް ހުސައިން، ރަސީކާ ޑައްގަލް އަދި ޖާޔާ ބައްޓާޗާރްޔާގެ އެކްޓިންގްވެސް ފެނިގެންދާ "ދިއްލީ ކްރައިމްސް" އަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ސީރީޒްއެކެވެ. 2019 ވަނަ އަހަރުގެ މާޗް މަހު ނެޓްފްލިކްސް ސްޓީރީމަށް ރިލީޒް ކުރި މި ސީރީޒްއަކީ، އިންޓަނޭޝަނަލް އެމީ އެވޯޑްސްއިން މަގާމެއް ކަށަވަރު ކުރި، އިންޑިއާގެ ފުރަތަމަ ސީރީޒްވެސްމެއެވެ.

އިންޓަނޭޝަނަލް އެމީ އެވޯޑްސް އަކީ، އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޝަން އާޓްސް އެންޑް ސައެންސަސް (އަޔާޓާސް) އިން، ޓީވީ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ދޭ، ޝަރަފުވެރި އެވޯޑެކެވެ.

މި ފަހަރު ކުރިއަށް ދިޔައީ 48 ވަނަ އިންޓަނޭޝަނަލް އެމީ އެވޯޑް ހަފުލާއެވެ. އިންޓަނޭޝަނަލް އެކަޑަމީގެ ވެބްސައިޓްގައި ރޭ ލައިވްސްޓްރީމް ކުރި މި އިވެންޓްގައި، 11 ކެޓަގަރީއަކުން 12 އެމީ އަދި 1 ހާއްސަ އެވޯޑް ދީފައިވެއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، މި ފަހަރުގެ އެވޯޑް ހަފުލާ ކުރިއަށް ގެންދިޔައީ ވާޗުއަލް ޕްލެޓްފޯމެއްގައެވެ.