ފަރަށް އަރާ އުޅަނދު ފުން ކުރުމާ ބެހޭ ގަރާރު ބޭރުކުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށް ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރަށް އަރާ ކަނޑު އުޅަނދު ފަހަރު ފުން ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ އިދާރާއެއް އުފެއްދުމާ ބެހޭ ގަރާރު އެމްޑީޕީގެ މެޖޯރިޓީ އޮވެ، މިއަދު މަޖިލީހުން ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށް ދެކޭ ކަމަށެވެ.

ނާޒިމް މިއަދު ހުށަހެޅި އެގަރާރަކީ މަސްދޯނި ފަހަރާއި މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި އޮޔާދާ އުޅަނދު ފަހަރާއި ބޭރުދަތުރުކުރާ އުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދު ފުންކުރުމުގައި އަމަލީ ގޮތުން މަސައްކަތްކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަ ކުރުމުގެ މަގްސަދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރެކެވެ.

އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކޮށް ދެއްވުމަށް ނާޒިމް ވަނީ އެގަރާރުގައި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުން ގޮވާލާފައެވެ.

ނާޒިމް މިއަދު މަޖިލީހަށް ހުށަހެޅި އެގަރާރު ބޭރުކޮށްލާފައިވާއިރު މިއަދު ނާޒިމް މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތް ވަގުތެއްގައި އެ މެމްބަރުގެ ސިސްޓަމުން އެހެން މެމްބަރަކު ވޯޓުގައި ބައިވެރިވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ވޯޓު ބާތިލް ކަމަށްް ވިދާޅުވެފައެވެ. އަދި އެއީ ނިޒާމުގެ މައްސަލައަކަށް ވެސް ނުވަތަ އެހެން މައްސަލައަކަށް ވެސް ވެދާނެ ކަމަށާއި، ނަމަވެސް ވޯޓު ދިން ވަގުތު ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ތަޅުމުގައި ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.