ވިޔަފާރީގެ ދާއިރާއިން ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީޔޫ) ދެމެދު އޮންނަ ގުޅުންތައް އިތުރުކޮށް، ވިލާތުގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމަށް މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާ ކުރިއަށް ގެން ގޮސްފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ވާޗުއަލް ޕްލެޓްފޯމެއްގައި މިއަދު ކުރިއަށް ގެންދިޔަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ ބައްދަލުވުމުގައެވެ.

ވިޔަފާރީގެ ރޮނގުން ވިލާތާ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރުމުގެ އިތުރުން، ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ އެއްބަސްވެފައި ވާ ކަމަށް ވިލާތުގެ އިއްތިހާދާއި ރާއްޖެއިން އާންމު ކުރި ގުޅިފައިވާ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕިއަން ޔޫނިއަންއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޚޭ ގޮތުންވެސް ރާއްޖެއިން މަޝްވަރާ ކޮށްފައި ވާ ކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުގުވެރިކަން އީޔޫގެ ސަފީރުން ފާޅުކުރެއްވި ކަމަށްވެސް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

މިމޭރުމުން މަޝްވަރާކުރައްވަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޔޫރަޕިއަން ޔޫނިއަންއިން މަރުހާބާ ކިއާ ފައި ވާކަމަށާއި، އެދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އީޔޫ ސަފީރުން ފާހަގަކުރެއްވި ކަމަށްވެސް ދިވެހި ހާރިޖިއްޔާއިން ހަބަރު ދެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހިރާއްޖެއިން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ވިލާތުގެ ގައުމުތަކުން މަޝްވަރާ ކޮށްފައި ވާކަމަށާއި، ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ ޖަރުމަނު، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާއަށް ދިވެހި ސަރުކާރުން ޝުކުރު އަދާކޮށްފައި ވާ ކަމަށްވެސް ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގަކީ ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.