ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، "ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖެނެރޭޝަން އިން ދަ މޯލްޑިވްސް" މަޝްރޫއުގެ މާލީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ރަސްމީކޮށް ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހާން ހެސޭއެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށާއި އާލާކުރުމަށް އީޔޫއިން 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރަށު ފެންވަރުގައި އާންމުން ބައިވެރިކޮށްގެން ކަނޑޫފާތައް ހިމާޔަތްކޮށް، ގޮނޑުދޮށްތައް ރައްކާތެރިކުރުމާއި ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމެވެ. މިއީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ 'ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް' (އެންޑީސީ 3.0) ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓާ ޝެރީނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އީޔޫއިން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އީޔޫގެ އެއްބާރުލުން ލިބޭކަން ޝެރީނާ ފާހަގަކުރެއްވިއެވެ.

އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހާން ވިދާޅުވީ، ކަނޑޫފާތަކަކީ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ކާބަން ރައްކާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ މުޖުތަމައުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނީ އޮނިގަނޑުތަކާއި މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. މިއަދުގެ މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އީޔޫގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.