ދޭދޭ މަސްލަހަތު އެކުލެވޭ މުހިންމު ދާއިރާތަކަކުން، ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ރާއްޖެއަށް ދީލަތި އެހީތަކެއް ފޯރުކޮށްދީ ފައި ވާ ކަމަށް، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވިލާތުގެ އިއްތިހާދަށް ތައުރީފު ކުރައްވާފައި ވަނީ، ވާޗުއަލް ޕްލެޓްފޯމްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގައެވެ.

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާ ދެމެދު ބިނާކުރަނިވި ހަރުދަނާ ގުޅުންތަކެއް ބަދަހި ކުރުމުގެ މަގުސަދުގައި ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތައް އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ވިލާތުގެ އިއްތިހާދަކީ ހަމައެކަނި ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއް ނޫން ކަމަށާ، އެ އިއްތިހާދަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައިވެސް މުހިންމު ބައިވެރިއެއް ކަމަށެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ފާއިތުވީ 2 އަހަރު ދުވަހު ވިލާތުގެ އިއްތިހާދާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވެފައި ވާ ކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، ވިލާތުގެ އިއްތިހާދުގެ ކުރީގެ ހާރިޖީ އޮފިޝަލު ފެދެރިކާ މޮގެރިނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ މިކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ ފެބުރުވަރީ މަހުވެސް ރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ވިލާތުގެ އިއްތިހާދާއި ރާއްޖޭގެ ބަދަހި ގުޅުމަށް ރިއާޔަތް ކުރައްވާ، ޝާހިދު ވަނީ، ކުރިއަށް އޮތް ތަނުގައި، މި ގުޅުމަކީ، ފްރޭމްވޯކް އެގްރީމަންޓެއްގެ ދަށުން ބަދަހި ކުރެވޭ ގުޅުމަކަށް ހެދުމަށް ގޮވާލައްވާފައެވެ. މިއީ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ހާސިލު ކުރެވޭނެ މުހިންމު އަމާޒެއް ކަންވެސް ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގެ ތެރެއިން ޕޮލީސް ކޮމިޝަނަރު މުޙައްމަދު ހަމީދު / ފޮޓޯ: ޓްވިޓާ

މިހާރު ކުރިއަށްދާ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގައި، ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމްއާއި، ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއާއި، ޕޮލީސް ކޮމިޝަނަރު މުޙައްމަދު ހަމީދުވެސް ވަނީ ވާހަކަދައްކަވާފައެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއާއި، މި ބަލިމަޑުކަމަށް އެކަށީގެންވާ އިޖާބައެއް ދީ، ބަލިމަޑުކަމުން އަރައިގަނެ، ގައުމު ބިނާ ކުރުމުގެ މަސައްކަތުގެ މައްޗަށް ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގެ ތެރެއިން ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމް / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުގެ ގުޅުންތައް ބަދަހި ކުރުމާއި، ތިމާވެއްޓާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން، ތަރައްގީގެ ރޮނގުން އެއްބާރުލުން ދިނުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް، މާލީ، ޑިމޮކްރަސީ، ހެޔޮވެރިކަން، އިންސާނީ ހައްގުތައް އަދި ސަލާމަތީ ރޮނގުން އެއްބާރުލުން ދިނުމާއި، ޝެންޒެން ވިސާ ފެސިލިޓީއާ ގުޅޭ މަޝްވަރާތައްވެސް، މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ސިލްސިލާގައި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން މައުލޫމާތުދެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި މަޝްވަރާތަކުގައި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. ވިލާތުގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑެނީސް ޗައިބީއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު