ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމަކީ އިންޑިއާގެ ޑިޕްލޮމަސީގެ އަސާސް ކަމަށް، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ހަރްޝް ވްރަދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ، ޕާމަނަންޓް ކޯތް އޮފް އާބިޓްރޭޝަން (ޕީސީއޭ) – އިންޑިއާ ކޮންފަރެންސްގެ 3 ވަނަ ސިލްސިލާ ބައްދަލުވުމުގައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޝްރިންގްލާ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނީ އިމުން ކަނޑައަޅާފައިވާ ސުލްހަވެރި އިޖުރާއަތުތަކަށް އިންޑިއާއިން އިހުތިރާމް ކުރާ ކަމަށާ، ބައިނަލްއަގުވާމީ ފެންވަރުގައި އުފެދޭ މައްސަލަތައް ހައްލު ކުރުމަށް އިންޑިއާއިން ޕީސީއޭއަށް އެއްބާރުލުން ދެނީވެސް މި ސަބަބާ ހެދި ކަމަށެވެ.

އިންޑިއާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، ސަރަހައްދީ އިމުގެ މައްސަލާގައި ޕީސީއޭއިން ކަނޑައަޅާފައިވާ އަމުރަށް ކިޔަމަންވުމަށް، އިންޑިއާގެ އަދުއްވެއްގެ ގޮތުގައި އޮތް ވާދަވެރި ޗައިނާއިން ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައަކީ ޗައިނާއާއި ފިލިޕީންސްއާ ދެމެދު ބޯޑަރުގެ މިލްކުވެރިކަމުގެ ދެބަސްވުންތަކެއް އުފެދިގެމް، 2016 ވަނަ އަހަރު ބަލަން ފެށި މައްސަލައެވެ. މިއީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރި ކަމުގެ މައްސަލައެވެ.

މި މައްސަލަ ޗައިނާއާ ދެކޮޅަށް ނިންމުމަށް ޕީސީއޭ ޓްރައިބިއުނަލް ނިންމާފައި ވާއިރު، އެކަން ބަލައިގަތުމަށް ޗައިނާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑަކީ އެ ގައުމުގެ އިހުތިސޯސްގެ ތެރޭގައި އޮތް މަންޒިލެކެވެ.

ޕާމަނަންޓް ކޯތް އޮފް އާބިޓްރޭޝަން (ޕީސީއޭ) އުފައްދާފައިވަނީ 1899 ވަނަ އަހަރުއެވެ. އަދި އިންޑިއާއިން އެ ކޯޓުގެ މެމްބަރަކަށް ވީ 1950 ވަނަ އަހަރުއެވެ.