ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވައިރަސް އެންމެ ގަދައަށް ފެތުރިގެން ދަނީ، ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ (އެސިމްޓޮމެޓިކް) މީހުންގެ ފަރާތުން ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީއިން މި ގޮތަށް ބަޔާން ކޮށްފައި ވަނީ، އެ އިދާރާއިން އެންމެ ފަހުން އަޕްޑޭޓް ކުރި އާ ގައިޑްލައިންގައެވެ. މިއާއެކު ސީޑީސީއިން ވަނީ، މިއީ މާސްކު އެޅުން އިންތިހާއަށް މުހިންމުވާ އެއް ސަބަބު ކަންވެސް ފާހަގަ ކޮށްފައެވެ.

މާސްކު ބޭނުންކޮށްގެން ވައިރަސް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ސީޑީސީއިން އާންމު ކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ، އެންމެ ގިނަ އަދަދަކަށް، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ފެތުރިފައި ވަނީ އެސިމްޓޮމެޓިކް މީހުންގެ ފަރާތުން ކަމަށެވެ.

ވައިރަސް ފެތުރުމުގައި 50 ޕަސެންޓަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އެސިމްޓޮމެޓިކް މީހުން ކަމަށް ސީޑީސީއާ އެހެންވެސް އެފަދަ އިދާރާތަކުން ލަފާ ކުރާ ކަމަށް އެ ލިޔުމުގައިވެއެވެ.

ސީޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެހެން މީހުންނަށް ވައިރަސް ފަތުރާ 24 ޕަސެންޓް މީހުންގެ ހަށިގަނޑުން އެއްވެސް ގޮތަކަށް ބަލީގެ އަލާމާތެއް ނުފެނެއެވެ. އަދި 35 ޕަސެންޓް މީހުންނަކީ، ހަށިގަނޑުން ބަލީގެ އަލާމާތްތައް ފާޅުވުމުގެ ކުރިންވެސް ވައިރަސް ފަތުރާ ބައެއް ކަމަށް ވެއެވެ. ހަމަ އެހެންމެ، 41 ޕަސެންޓް މީހުންގެ ކިބައިން އެހެން ބަޔަކަށް ވައިރަސް ފަތުރަނީ، ހަށިގަނޑުން އަލާމާތްތައް ފެންނަ ހާލުގައި ކަމަށްވެސް ސީޑީސީގެ ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އަދިވެސް ވެކްސިނެއްގައި ރަސްމީ ސިއްކަ ޖަހާފައެއް ނުވެއެވެ. މުޅިންވެސް ހުރީ ތަހުލީލީ މަރުހަލާގެ ވެކްސިންތަކެވެ. އެހެން ކަމުން، މިވަގުތަށް އޮތީ، ނޭފަތާއި އަނގަމަތި ނިވާވާނެހެން ހެޔޮ ގޮތުގައި މާސްކު ބޭނުން ކުރުމާއެކު 6 ފޫޓުގެ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމެވެ. އަދި އިރުޝާދުތަކާ އެއްގޮތަށް، ރަނގަޅަށް، ގިނަގިނައިން އަތް ދޮވުމެވެ. އާންމު އެއްވުންތަކާ، ސައި-ޕާޓީތަކާއި، އެނޫންވެސް އެފަދަ، އިހު އުޅުނު އިޖުތިމާއީ މަސްހުނި ދިރިއުޅުން މަޑުޖައްސާލާ، އާ އާންމު ހާލަތަކަށް އަހުލުވެރިވުމެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު