ހަލުވިކަމާއެކު ފެތުރެމުން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގައި ތަރައްގީ ކުރަމުން ވެކްސިންގެ ޑޯޒްތައް، އެ ގައުމުގެ މިލިއަނެއްހާ މީހުންނަށް މިހާރު ދީފައި ވާނެ ކަމަށް، ޗައިނާގެ ގައުމީ ފާމަސޫޓިކަލް ކުންފުނި (ސީނޯފާމް) އިން ބުނެފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ސީނޯފާމްއިން ތަރައްގީ ކުރާ ވެކްސިންގެ ކާމިޔާބީ، ކުލިނިކަލް ތަހުލީލުތަކުން ދެއްކި ގޮތުގެ މާ ބޮޑު ތަފްސީލުތަކެއް ޗައިނާއިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާ، އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ސީނޯފާމްގެ ޔުނިޓެއް ކަމަށްވާ ޗައިނާ ނޭޝަނަލް ބައޮޓެކް ގްރޫޕު (ސީއެންބީޖީ) އިން ވަނީ، ގައުމުން ބޭރުގައި ހިންގާ ކުލިނިކަލް ތަހުލީލުތަކުގެ މަރުހަލާގައި އޮތް 2 ކެންޑިޑޭޓެއް، 3 ވަނަ މަރުހަލާއަށް ކުރިއަށް ޖައްސާފައެވެ. މި ތަހުލީލުތައް ހިންގާ ގައުމުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރައިން އަދި މިސްރު ހިމެނެއެވެ. މި ގައުމުތަކުން 50000 އަށް ވުރެ ގިނަ މީހުން، މި ތަހުލީލުތަކުގައި ބައިވެރިވެއެވެ.

ޗައިނާއިން ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން، ވަކި ހާއްސަ ގުރޫޕުތަކަކަށް ވެކްސިން ދޭން ފަށާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންނާއި، އެކި ގައުމުތަކަށް ނިސްބަތްވާ ދަރިވަރުންގެ އިތުރުން، ވަޒީފާ ހޯދުމަށް ގައުމުން ބޭރަށް ދާ މަސައްކަތްތެރިން ހިމެނެއެވެ.

ސީނޯފާމްގެ ޗެއާމަން ލިއު ޖިންގްޝެން ވިދާޅުވީ މިހާތަނަށް އެއްވެސް މީހެއްގެ ފަރާތުން ސީރިއަސް ސައިޑްއިފެކްޓެއް ފެނިފައި ނު ވާ ކަމަށެވެ. ވެކްސިން ބޭނުން ކުރި ފަރާތްތަކުގެ ކިބައިން ފެންނަމުންދަނީ ކުދިކުދި ސައިޑްއިފެކްޓްތަކެއް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، ޗައިނާގެ ވޫހާން ސިޓީއިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ވައިރަހުގެ ފެށުން އައީ ކިހިނެއް ކަން އަދިވެސް ހޯދިފައެއް ނުވެއެވެ. ޗައިނާއިން ދަނީ ފުޅާ ދާއިރާއެއްގައި 4 ވެކްސިނެއް ތަހުލީލު ކުރަމުންނެވެ.