އަލަށް ޕޮޒިޓިވްވި 45000 އަށް ވުރެ ގިނަ ކޭހާއިއެކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، އަވަށްޓެރި އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، 9 މިލިއަންގެ ފާހަގަ ހުރަސް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތައް ދައްކާ ގޮތުން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ކޮވިޑް-19 ޖެހިގެން 584 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު، އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 132162 އަށް އަރާފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެވަރޭޖު ގޮތެއްގައި ދަށް ވަމުން ދިޔަ ނަމަވެސް، ވެރިރަށް ނިއުދިއްލީގެ ހާލަތު މާ ރަނގަޅު ނޫން ކަމަށް ޖަބަރު ލިބެއެވެ.

ނިއުދިއްލީއިން ވަނީ އާންމު ތަންތަނުގައި މާސްކު ނާޅާ އަޅާ އުޅޭ ފަރާތްތައް 2000 ރުޕީޒް (27 ޑޮލަރު) އިން ޖޫރިމަނާ ކުރަން ފަށާފައެވެ.

އިންޑިއާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލިއިރު އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެއް ނަމަވެސް، އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމާއެކު އިންޑިއާއިން ވަނީ ހަރުކަށި ލޮކްޑައުންގެ އަމުރުތަކަށް ލުއި ދީފައެވެ. މާސްކު އެޅުން ފަދަ ކަންކަން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް، އެކަމަށް އިހުތިރާމް ކުރާ މީހުންގެ އަދަދު މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގައުމުގައި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.