ޑްރަގް ކޯޓުގެ އިސް ގާޒީ އާދަމް އާރިފާ ބެހޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ އެކޮމިޝަނނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގެ ދަށުން ޖޭއެސްސީން އިސްނަގައިގެން 24 އެޕްރީލް 2019 ވަނަ ދުވަހު ތަހުގީގުކުރުމަށް ނިންމާފައިވާ ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ތަހުގީގުކުރެވި އެމައްސަލަ ސާބިތުނުވާކަމަށެވެ.

އެކަން ނިންމާފައިވަނީ އިއްޔެ ބޭއްވި އެކޮމިޝަނުގެ 87 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އާދަމް އާރިފްގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސެއިން ރަޝީދާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އިތުރުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައީނާން އަލީ މުހައްމަދު އަދި ރ. މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސެއިންގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ޖޭއެސްސީން ވަނީ ބުނެފައެވެ.

ކުރިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާދަމް އާރިފް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ބޮޑެތި މައްސަލަތަކާއި ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބައްލަވާފައިއެވެ.