ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރު ކުރުމަށް ދަތިފުޅު ވާތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ.
މިއަދު ކެންސަލް ކުރެވުނު ޝަރީއަތަކީ ކުރީގެ ރައީސްގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅުން ހުރި ޝަރީއަތެކެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ އިއްވުމާއި ޖަވާބު ދާރީވުމުގެ މަރުހަލާގައެވެ.
އެ ދެ ދައުވާ ވަނީ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލައި، އަދި އެ މައްސަލަތަކުގެ ޝަރީއަތް ވެސް އޮތީ ކުރިން ފަށާފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިހާރު ކުރިއަށް ދަނީ އެ ޝަރީއަތް ތަކެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.
ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.