ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީން ގާޒީ އަބްދުލްބާރީ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

ގާޒީ އަބްދުލްބާރީ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ އަބްދުލްބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައި ވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައި ނުވާކަމަށް ބުނެ ތަހުގީގު ކޮށްފައިވާ މައްސަލައެވެ.

ޖޭއެސްސީން ބުނީ އެމައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އާއި ގާޒީ އަބްދުލްބާރީ އާ ގާތް ގުޅުމެއް އޮތްކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުން ތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ އަބްދުލްބާރީ ބައިވެރިވިކަން އެކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބު ރައީސް އަދީބު ފޮނުވުމަށް ގާޒީ އަބްދުލްބާރީ އެ ހުކުމް ދިންކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހަމަ އެހެންމެ ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައި ދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ދިވެހި ރުފިޔާ ގާޒީ އަބްދުލްބާރީއަށް ދީފައިވާ ކަމަށް ތަހުގީގުން އެނިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ގާޒީ އަބްދުލްބާރީ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން އޭނާ ދައްކާފައި ވާއިރު އެފައިސާއަކީ ގާޒީ އަބްދުލްބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި އެކޮމިޝަނުން ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ.

ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ އާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކޮމިޝަނަށް އަންގާފައި ވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ގާޒީ އަބްދުލްބާރީ ހުރީ ސަސްޕެންޑް ކުރެވިފައެވެ.