މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއާއެކު ދުނިޔޭގެ އިގުތިސޯދު މިވަގުތު އޮތީ، ހީނަރުކަމުގެ ފުން ވަޅުގަނޑެއްގެ ތުންފަތް މަތީގައި ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ދީފިއެވެ.
އައިއެމްއެފްގެ އަހަރީ ރިޕޯޓް 2020 ގައި ވާ ގޮތުން، ގައުމުތަކުގެ އިގުތިސޯދީ ކުރިމަގާއި ވައިރަހުގެ އިޖާބައަށް ނުފޫޒު ފޯރުވާ، މި ކަންކަން ބައްޓަން ކުރުވަނިވި ރާސްތާގައި މާ ބޮޑު ޔަގީންކަމެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ އިންސާނީ ހަލޯރާތުގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާ ކަމަށް އައިއެމްއެފް ބުނެއެވެ. އެ ބަދަލުތަކުގެ ތެރޭގައި، އިގުތިސޯދީ ހީނަރުކަމާ، ވަޒީފާ ގެއްލުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ، ޓެކްނޮލޮޖީއާއި އޮޓޮމޭޝަންގެ ޕްލެޓްފޯމަށް ވަޒީފާތައް ބަދަލު ވުމާ، ޑިޖިޓަލް ކަރަންސީ/ފައިސާ އިތުރުވުމާ، ފައިސާ ރައްކާ ކުރުމުގެ ފައިދާ ކުޑަ ވުމާއި، ހަމަހަމަކަން ގެއްލުމާއި ދަރަނި ހިމެނޭ ކަން އައިއެމްއެފްއިން ފާހަގަ ކުރެއެވެ.
އައިއެމްއެފްގެ ޑައިރެކްޓާ ޖެނެރަލް ކްރިސްޓަލީނާ ޖޯޖީނާ ވިދާލުވީ، ތާރީހު ނުދެކޭ ފަދަ ކާރިސާއަކާ ދުނިޔެ ކުރިމަތިލާފައި ވާ މި ދަނޑިވަޅުގައި، އައިއެމްއެފްއާއި އެ އިދާރާގެ ބައިވެރިން ހަރަކާތްތެރިވާން ފަށާފައި ވާ ކަމަށެވެ. އެގޮތުން މީހުންގެ ފުރާނަ ސަލާމަތް ކޮށް، ދުނިޔޭގެ އިގުތިސޯދުގެ "ފައިތިލަ ދަށުގައި ތަޅުންގަނޑެއް އަޅައިދިނުމަށް" އައިއެމްއެފިން އެތައް ފައިސާ ހަރަދު ކޮށްފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ފިސްކަލް ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 12 ޓްރިލިއަން ޑޮލަރު އަދި މަނިޓަރީ ފިޔަވަޅުތަކުގެ ގޮތުގައި ގާތްގަނޑަކަށް 7.5 ޓްރިލިއަން ޑޮލަރު ހަރަދު ކޮށްފައި ވާ ކަމަށް ޖޯޖީވާ ވަނީ، އައިއެމްއެފްގެ އަހަރީ ރިޕޯޓްގައި ފާހަގަ ކުރައްވާފައެވެ.
އައިއެމްއެފްއިން ވަނީ، އިން ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓް އަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 28.9 މިލިއަން ރުފިޔާގެ އިންޓްރެސްޓް ފްރީ ލޯނެއް ދީފައިވެއެވެ. މި އެހީއަކީ އައިއެމްއެފްގެ ރެޕިޑް ކްރެޓިޑް ފެސިލިޓީ (އާރް.ސީ.އެފް) ނުވަތަ އަވަސް ކްރެޑިޓް ފެސިލިޓީގެ ތެރެއިން، ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓްއާއި ފިސްކަލް ކަންކަމަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރު ފޫބެއްދުމަށް އެހީއެއްގެ ގޮތުން ފޯރުކޮށްދޭ މިންވަރެއް ކަމަށް އައި.އެމް.އެފްއިން ވަނީ ބުނެފައެވެ.