ގިނަ ވަގުތު ވީޑިއޯ ގޭމް ކުޅޭ މީހުންނަކީ އެނޫން މީހުންނާ އަޅާ ބަލާއިރު އުފާވެރި ބައެއް ކަމަށް ރިޕޯޓް ކޮށްފައި ވާ ކަމަށް، އޮކްސްފޯޑް ޔުނިވަސިޓީއިން ކުރި ދިރާސާއެއް ބުނެފިއެވެ.

އޮކްސްފޯޑް އިންޓަނެޓް އިންސްޓިޓިއުޓްގެ ދިރާސާ އަމާޒު ކުރީ މައިގަނޑު 2 ގޭމަކަށެވެ. އެއީ ނިންޓެންޑޯގެ އެނިމަލް ކްރޮސިންގްއާއި އީއޭގެ ޕްލާންޓް ވާސަސް ޒޮމްބީޒްއެވެ.

މި ދިރާސާގައި ބައިވެރި ކޮށްފައި ވަނީ، އުމުރުން 18 އަހަރުން މަތީގެ 3274 ގޭމަރެކެވެ.

މި ގޭމްތަކުގެ ޑިވަލޮޕަރުން ވަނީ، ގޭމް ގުޅުމުގައި ކޮންމެ ބައިވެރިއަކި ހޭދަ ކޮށްފައި ވާ ވަގުތުގެ ތަފްސީލުތައް އޮކްސްފޯޑާ ހިއްސާކޮށްފައެވެ. ނަމަވެސް ބައިވެރިންގެ ވަނަވަރު އޮތީ ސިއްރު ކޮށްފައެވެ. އެއަށްފަހު އޮކްސްފޯޑުން ވަނީ، ބައިވެރިންގެ ދުޅަހެޔޮ ކަމާ ގުޅޭ ސާވާއެއް ކުރިއަށް ގެންގޮސްފައެވެ.

ވީޑިއޯ ގޭމް ކުޅެން ތިބި ބައެއް / ފޮޓޯ: އެންވައިޑީ

ނިންޓެންޑޯއިން ފޯރުކޮށްދިނީ ގޭމް ކުޅުމަށް ބައިވެރިން ހޭދަ ކުރި ވަގުތެވެ. ނަމަވެސް އީއޭއިން ވަނީ ގޭމައިގެން ކުރިއަށް ދިޔައިރު ބައިވެރިން ހިއްސާ ކުރަމުން ދިޔަ އިމޯޓިކޯންތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހުންނެވި ޕްރޮފެސާ އެންޑްރޫ ޕްރިޒީބިލްސްކީ ވިދާޅުވީ، ހޯދުންތަކާ މެދު ހުދު އޭނާވެސް ހައިރާންވި ކަމަށެވެ. އޭގެ މާނައަކީ 4 ގަޑިއިރު ވަންދެން ގޭމް ކުޅުމުން އުފާ ވަނީ ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮފެސާ އެންޑްރޫ ޕްރިޒީބިލްސްކީ ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް، ފާއިތުވީ 40 އަހަރު ދުވަހުގެ ދިރާސާއަށް ބަލާއިރު، ގިނައިން ގޭމް ކުޅޭ ވަރަކަށް، އުފާވެރި ކަން ގެއްލޭ ކަމަށެވެ.

ޕްރޮފެސާ އެންޑްރޫ ޕްރިޒީބިލްސްކީ ވިދާޅުވީ، ފަހުގެ ހޯދުންތަކުން ފާހަގަ ކުރެވުނު ފަރަގަކީ، ދިރާސާގައި ބޭނުން ކުރި 2 ގޭމަކީ، އިޖުތިމާއީ ގުޅުންވެސް ބަދަހި ކުރަނިވި ގޮތަކަށް ފަރުމާ ކޮށްފައި ވާ ގޭމަކަށް ވުން އެކަށީގެންވާކަމަށެވެ. އެގޮތުން ގޭމް ކުޅުމަކީ، އޮންލައިންކޮށް، އާ ޕްލެޓްފޯމަކުން އިތުރު ބަޔަކާ ބައްދަލު ކުރުމަށް ތަނަވަސް ވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ އެހެން ކަމުގައި ހާސް ކަމާއި ނުތަނަވަސްކަން ކުރިމަތިވެ، ބޯ ހަމަޖައްސާލުމަށް ގޭމް ކުޅޭ މީހުންނަށް އުފާ ހާސިލު ވަނީ މަދު މިންވަރަކަށް ކަން ވަނީ ހާމަ ވެފައެވެ.