ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 10 މެންބަރަކު ސޮއިކޮށްފައިވާ އެބަޔާނުގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާ ކަމަށެވެ.

އެ ގަވާއިދުތައް މިނިސްޓަރު މަލީހު ހައްދަވާފައި ނުވާއިރު މިކަމުގައި ޖަވާބުދާރީވުމަކީ އެއިރެއްގައި މިިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.

އެ ގަވާއިދު ތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ.

އޭގެ އިތުރުން މަގާމުތަށް ހެއްދެވުމަށް މިނިސްޓްރީން ކުރި މަސައްކަތަށް މިނިސްޓަރު މަލީހުގެ އެއްބާރުލުން ދެއްވާފައި ނުވާކަމަށާއި އެކަމަށް މިނިސްޓަރު މަލީހު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހު ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރު އޮތް ކަމަކަށް ނުވާތީއާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކަނޑިނޭޅި އެދެމުންދާތީ މިނިސްޓަރި އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހެޅީމެވެ.
މީކާއީލ ހުށައެޅުއްވި މައްސަލައިގެ ބަޔާނުގައި

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާއިރު ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވަނީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މަލީހަށް ފާޑުކިޔުއްވާފައެވެ.