ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހުޅުވުމަށްޓަކައި ހަދާނުނިމޭ އިމާރާތެއްގެ ދެ ފްލޯ ކުއްޔަށް ނަގައިގެން ކުލި ދައްކަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މިއަދު އެ މައްސަލަ އަލުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލާގައި ދައުވާ ސކުރުމަށް ފޮނުވާފައިވަނީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕަޓްމަންޓްގެ ކުރީގެ ޑިރެކްޓާ މުހައްމަދު ހާޝިމް ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ގާނުނުލް އުގޫބާތުގެ 513 ވަނަ (ށ) ގެ (1) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެކަން ކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ މައްސަލައަކީ ނޮވެންބަރު 22، 2016 ގައި އެ ކޮމިޝަނުން ތަހުގީގުތައް ނިންމާފައިވާ މައްސަލައެއް ކަމަށާއި އަދި ދެ ފަހަރެއްގެ މަތިން ދައުވާކުރުމަށްޓަކައި ކުރިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު ޕަބްލިކް ސާވިސް މީޑިއާ ގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ޕީއެސްއެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ މީޑިއާ ޓްރޭނިން އިންސްޓިޓިއުޓް ގާއިމްކުރުމަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ތިން ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެބިޑާއެކު ހުށަހަޅާފައިވާ އާކިޓެކްޗަރަލް ކުރެހުންތަކުން ފްލޯ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ އެ އިމާރާތް ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިމާރާތް ކުއްޔަށް ހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ އިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް އެތަނަކީ ޕީއެސްއެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަގީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ވަނީ ނިންމާފައެވެ.
އެގޮތުން އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާ ފަދައިން އެ އިމާރާތް ބެލުމަށް ޕީއެސްއެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީއެސްއެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.
ޕީއެސްއެމަށް އެތަން ކުއްޔަށް ދީފައިވަނީ މަހަކު 37،000 ރުފިޔާގެ ކުއްޔަކަށެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވަނީސްކަން ތަހުގީގުން ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ ހަދާ ނުވެސް ނިމޭ އިމާރާތަކަށް ޕީއެސްއެމުން ވަނީ 2015 އަހަރުގެ ޑިސެމްބަރު މަހާއި ޖެހިގެން އައި ޖެނުއަރީ މަހު ކުލީގެ ގޮތުގައި 111،000 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 74،000 ރުފިޔާ ދައްކާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އޭސީސީން ބުނީ ޕީއެސްއެމްއާ އިމާރާތް ހަވާލުކުރުމުގެ ކުރިން އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެތަން ކުއްޔަށްދިން ފުރިހަމަ ކޮށްފައި ނުވަނީސް އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައިވާ ގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް ހާޝިމް އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.