މަގުމަތީގެ އެކްސިޑެންޓްތަކުގައި ކޮންމެ އަހަރަކު މި ދުނިޔެއަށް ފަހުގެ ނޭވާ ދޫކޮށްލާ މައިންނާއި، ބަފައިންނާއި، އަހުންނާއި، އުހުތުންނާއި، އެކުވެރިންނާއި، ލޯބިވެރިންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2018 ވަނަ އަހަރު އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގައި އަހަރެއްގެ މައްޗަށް 1.35 މިލިއަން މީހުން މަރުވެއެވެ. މި ފަދަ ހާދިސާތަކަކީ، އުމުރުން 5 އަހަރާއި 29 އަހަރާ ދެމެދުގެ ކުޑަކުދިންނާއި ޒުވާނުން މި ދުނިޔެއާއި ވަކިވެދާ މައިގަނޑު ސަބަބުވެސްމެއެވެ.
މަގުމަތީގެ ހާދިސާގައިގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި ވަކިން ހާއްސަ ދުވަހެއް ފާހަގަ ކުރުމަށް އެންމެ ފުރަތަމަ އިސް ނެގީ ރޯޑްޕީސްއިން 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން، އެކި އެންޖީއޯތަކުން އަންނަނީ މި ދުވަސް ފާހަގަ ކުރަމުންނެވެ.
މަގުމަތީގެ ހާދިސާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރުމަށް ކަނޑައެޅީ 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އދއިންނެވެ. އދއިން ވަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 3 ވަނައަށް ވާ އާދީއްތަ ދުވަހަކީ، މަގުމަތީގެ ހާދިސާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި ފާހަގަ ކުރާ ދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ. މަގުސަދަކީ، މަގުމަތީގެ އެކްސިޑެންޓްތައް މަދު ކުރުމެވެ. އިތުރު މަގުސަދުތަކަށް ބަލާއިރު:
- މަގުމަތީގެ ހާދިސާތަކުގައި މަރުވެދާ މީހުންނާ އަނިޔާ ލިބޭ މީހުންގެ މަތިން ހަނދާން ކުރުން
- ކުއްލި ހާލަތުގައި ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަން ކުރުން
- މަގުމަތީގެ ހާދިސާތަކުގައި މަރުވާ މީހުންނާއި އަނިޔާ ލިބޭ މީހުންނަށް ޝަރުއީ އިމުގެ ތެރެއިން އިންސާފު ހޯދާދިނުމަށް މަސައްކަތް ކުރުން
- މަގުމަތީގެ ހާދިސާތަކުގެ ޝިކާރައަކަށް ވެފައި ވާ މީހުންގެ އާއިލާތަކަށް އެއްބާރުލުން ދިނުން
- ހެއްކާއި މިސާލު ދައްކައިގެން، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދު ކުރުން، ހިމެނެއެވެ.
މަގުމަތީގެ ހާދިސާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި، އދގެ ރޯޑް ސޭފްޓީ ކޮލާބޮރޭޝަންގެ ޗެއާމަން ޑރ އެޓިއޭން ކްރޫގް ވަނީ، "ހަނދާން ކުރުމަށާއި، އެއްބާރުލުން ދިނުމަށާއި، ފިޔަވަޅު އެޅުމަށް" ހުރިހާ އެންމެނަށް ގޮވާލައްވާފައެވެ.
ހަނދާން ކުރަންވީ، މަގުމަތީގެ އެކްސިޑެންޓްތަކުގައި ކޮންމެ ދުވަހަކު މި ދުނިޔެއާއި 3700 ބައްޕަ، މަންމަ، ބޭބެ، ކޮއްކޮ، ދައްތަ، ދަރިން، ރަހުމަތްތެރިން، އެކުގައި މަސައްކަތް ކުރާ މީހުން ނުވަތަ ދަންނަ މީހުން މަތިންނެވެ.
އެއްބާރުލުން ދޭންވީ މަގުމަތީގެ އެކްސިޑެންޓްތަކުގައި މި ދުނިޔެއާއި ވަކިވެ ގޮސްފައި ވާ މީހުންގެ ހަނދާނުގައި ހިތާމަ ކުރަމުންދާ މީހުންނަށެވެ. މަގުމަތީގެ އެކްސިޑެންޓްތަކުގައި ދިގު މުއްދަތާއި އުމުރު ދުވަހުގެ ނަފްސާނީ އަދި ޖިސްމާނީ ތަކުލީފު އުފުލަމުންދާ މީހުންނަށެވެ.
ފިޔަވަޅު އަޅަންވީ، މިއަދާއި މާދަމާ، އަދި އަންނަ އޮތް ތަނުގައިވެސް މިފަދަ ކަންކަން ނުހިނގާ ވޭތޯ ބެލުމަށެވެ.
މަގުމަތީގެ ސަލާމަތާ ރައްކާތެރި ކަމުގެ 10 އަހަރުގެ ގޮތުގައި 2010-2020 ފާހަގަ ކުރާއިރު، މިފަދަ 2 ވަނަ ދިހަ އަހަރު އަނެއްކާވެސް މިވަނީ ކަނޑައަޅާފައެވެ. އެގޮތުން 2021 އިން 2030 އަށް، މަގުމަތީގެ ރައްކާތެރި ކަމުގެ 10 އަހަރު ކަނޑައެޅުނު ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ޑރ ކްރޫގް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެނީ، މިކަމަކީ އިތުރު ފުރާނަތަކެއް ސަލާމަތް ކުރުމަށް އެހީވެދޭ ކަމަކަށް ވާތީ ކަމަށްވެސް ޑރ ކްރޫގް ވަނީ ވިދާޅުވެފައެވެ.
މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އާންމު އިންސާނީ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައި ވީ ނަމަވެސް، މި ބަލިމަޑުކަމަކީ މާ ފުރިހަމަ ދިރިއުޅުމެއް ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށްވެސް ޑރ ކްރޫގް ވަނީ ސިފަކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވި، އާ ދުނިޔެއަކާ ކުރިމަތިލާއިރު، މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށާއި، މަގުމަތި ބޭނުން ކުރުމުގައި އެންމެ ރައްކާތެރި ގޮތްތައް ކަމުގައި ވާ ހިނގާބިނގާވެ އުޅުމާއި ބައިސްކަލް ބޭނުން ކުރުން ފަދަ ކަންކަމަށް މަގު ފަހި ކުރަނިވި ދާއިރާތަކުގައި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށްވެސް ޑރ ކްރޫގް ވަނީ ގޮވާލައްވާފައެވެ.
ދަތުރުފަތުރުކޮށް، ހެލިފެލިވެ އުޅުމަށް ބޭނުން ކުރާ މަގުތަކަކީ ރައްކާތެރި ތަނެއް ކަމުގައި ހެދުމުގެ ތަސައްވުރަށް އދގެ ރޯޑް ސޭފްޓީ ކޮލާބޮރޭޝަންގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް ޑރ ކްރޫގްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މަގުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކަކީ ކޮށްލާ ކިތަންމެ ކުޑަކަމަކުންވެސް، ސަލާމަތް ހޯދިދާނެ ހާދިސާތަކެކެވެ. އެގޮތުން ސްޕީޑް ކޮންޓްރޯލް ކުރުމާއި، މަސްތުގެ ހާލުން އެއްކިބާވުމާއި، ދުއްވުމުގައި މަގަށް ސަމާލުކަން ދިނުމާއި، ސީޓް ބެލްޓާއި ހެލްމެޓް ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމާއި، މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރުމަކީ ކޮންމެ ދުވަހަކުވެސް އެތައް ހާސް ފުރާނައެއް ސަލާމަތް ކުރުމަށް ފަރުދީ ފެންވަރުގައިވެސް ކޮށްދެވޭނެ ކަންކަމެވެ.