އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެއްގެ އެމާޖެންސީ ސިޒޭރިއަން އެއް ހެދުމުގެ ތެރޭގައި، މަސްތުގެ ހާލުގައި ހުރެ، ހިންގި އިހުމާލުގެ އަމަލެއްގެ ސަބަބުން ޕޭޝަންޓް މަރުވި މައްސަލާގައި، ބެލްޖިއަމްއަށް ނިސްބަތްވާ ހޭނައްތާ ޑޮކްޓަރު، ހެލްގާ ވޯޓާޒް، 3 އަހަރަށް ޖަލަށް ލުމަށް ފަރަންސޭސި ކޯޓަކުން ހުކުމް ކޮށްފިއެވެ.

3 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން، ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި ދެން ސިއްހީ ދާއިރާގައި މަސައްކަތް ނުކުރެވޭ ގޮތަށްވެސް ކޯޓުން ވަނީ ހެލްގާ ވޯޓާޒްގެ މައްޗަށް ހުކުމް ކޮށްފައެވެ.

ހެލްގާ ވޯޓާޒްގެ މައްޗަށް ސާބިތު ކޮށްފައި ވަނީ، 2014 ވަނަ އަހަރު، އުމުރުން 28 އަހަރުގެ ޒިންތިއާ ހޯކް މަރާލި ކަމުގެ ކުށެވެ. ތަހުގީގު ޓީމުން ވަނީ، ހެލްގާ ވޯޓާޒްގެ އިހުމާލުން، ޒިންތިއާ ހޯކްގެ ވައިނޮޅި ނުވަތަ ފުއްޕާމެއާ ގުޅިފައިވާ ނޭވާލާ ހޮޅި (ވިންޑްޕައިޕް) އަށް، ޓިއުބެއް ލެއްވުމުގެ ބަދަލުގައި، ކާއެއްޗިހި ދަތުރުކުރާ ހޮޅި (އީސޮފަގަސް) އަށް ލައްވާފައި ވާ ކަން ސާބިތުކޮށްފައެވެ.

މި އޮޕަރޭޝަން ކުރިއަށް ދިޔަ އިރު، ހެލްގާ ވޯޓާޒް ހުރީ މަސްތުގެ ހާލުގައެވެ.

ޒިންތިއާ ހޯކްއަށް ވީ ކިހިނެއް؟

ފަރަންސޭސިވިލާތުގެ ސިޓީއެއްގެ ހޮސްޕިޓަލުގައި ޒިންތިހާ ހޯކް އެޑްމިޓްކުރީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭނާއަށް އެޕިޑިއުރަލް ދިނީވެސް ހެލްގާ ވޯޓާޒްއެވެ. ނަމަވަސް، ވިހަން އުޅުމުގެ ތެރޭގައި މައްސަލަތަކެއް ކުރިމަތިވެ، އެމާޖެންސީ ސިޒޭރިއަންކަށް ދާންޖެހުނީއެވެ.

ރާބުއިން ކަށީގައި ހިފާފައި ހުންނަ ހެލްގާ ވޯޓާޒް ވަނީ، ކޮންމެ ދުވަހެއްގެ ފެށުން އަންނަނީވެސް ފެނާއެކު ބޯ ރާތައްޓަކުން ކަމަށް އިއުތިރާފުވެފައެވެ. އެމާޖެންސީ ސިޒޭރިއަން ހެދުމަށް ހޮސްޕިޓަލުން އެންގުމުގެ ކުރިންވެސް އޭނާ ރާ ތައްޓެއް ބޮއިފައި ވާނެ ކަމަށް ހެލްތާ ވޯޓާޒް ވަނީ އިއުތިރާފުވެފައެވެ. މަންޒަރު ދުށް މީހުންވެސް ވަނީ ހެލްތާ ވޯޓާޒް އާ ބައްދަލުވިއިރު، އޭނާ ގައިން ރާވަސް ދުވާ ކަމަށް ބުނެފައެވެ.

މަސްތުގެ ހާލުގައި އެމާޖެންސީ ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ޕޭޝަންޓަކު މަރާލި ހެލްގާ ވޯޓާޒް ކޯޓަށް ހާޒިރު ކުރަނީ / ފޮޓޯ: އެން24 ވޯލްޑް

ޒިންތިއާގެ ހާދިސާއަށް ފަހު ކަމާ ބެހޭ ފަރާތްތަކުން ހެލްތާ ވޯޓާޒް ހައްޔަރު ކުރިއިރު އޭނާގެ ހަށިގަނޑުގައި ރަލުގެ އަސަރު ހުރީ ލޭގެ ކޮންމެ ލީޓަރަކަށް 2.38 ގުރާމް އަށެވެ. އެއީ ގާތްގަނޑަކަށް 10 ތަށި ރަލެވެ. މިހާދިސާ ހިނގާފައި ވަނީ ހެލްގާ ވޯޓާޒް ވަޒީފާ އަދާ ކުރަން ފެށިތާ 2 ވަނައަށް ވީ ހަފުތާގައެވެ. ހެލްގާ ވޯޓާޒްއަށް އަމާޒު ކުރެވޭ އިތުރު ތުހުމަތަކަށް ބަލާއިރު، ވެންޓިލޭޓަރުގެ ބަދަލުގައި، އޮކްސިޖަން މާސްކު ބޭނުން ކުރުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޒިންތިއާ ހޯކްސް ވަނީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ހޭ އަރާ، ހޮޑުލާން ފަށާފައެވެ. އަދި ތަދުވާ ކަމުގެ ޝަކުވާވެސް ކުރަމުންދިޔަ ކަމަށްވެއެވެ. ހާދިސާ ހިނގިއިރު އެތަނުގައި ހުރި ނަރުހަކު ސިފަކުރި ގޮތުގައި، ތިއޭޓަރެކޭ ހަނގުރާމައިގެ މައިދާނެކޭ އެއްވަރެވެ. ކާޑިއެކް އެރެސްޓެއްގައި ޒިންތިއާ ހޯކް މި ދުނިޔެއާއި ވަކިވީ އޭގެ 4 ދުވަސް ފަހުންނެވެ. އޭރު ޒިންތިއާ ހޯކްސް ވިހޭ ފިރިހެން ދަރިފުޅު ދުނިޔޭގައި އެބަހުއްޓެވެ.

ހެލްގާ ވޯޓާޒް ދަނީ ޒިންތިހާ ހޯކްސް މަރުގެ ފުރިހަމަ ޒިންމާ އުފުލުމަށް އިންކާރު ކުރަމުންނެވެ. އެހެން މުވައްޒަފުންގެ އިހުމާލު އޮތް ކަމަށްވެސް އޭނާ ވަކާލާތު ކުރެއެވެ. ހެލްގާ ވޯޓާޒް ވަނީ ވެންޓިލޭޓަރުވެސް މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ. ނަމަވެސް ތަހުގީގު ޓީމުން ވަނީ، އެއީ ދޮގެއް ކަމަށް ކަނޑައަޅާފައެވެ.

"ޑޮކްޓަރެއް ނޫން"

ހެލްގާ ވޯޓާޒް ވަނީ ރާބުއިމަށް އޭނާ ދެވި ހިފާފައި ހުންނަ ކަމީ، އޭނާގެ ވަޒީފާއާ ލާއިގު ކަމެއް ނޫން ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށާ، މި މަރަކީ އޭނާގެ މުޅި އުމުރަށްވެސް އެކަމުގެ ހިތާމަ ކުރާނެ މަރެއް ކަމަށް ބުނެފައެވެ.

ބެލްޖިއަމްއަށް ނިސްބަތްވާ ހެލްގާ ވޯޓާޒް ފަރަންސޭސިވިލާތަށް ބަދަލުވެ، އެގައުމުގައި މަސައްކަތް ފެށީ، މަސްތުގައި ހާލުގައި ވަޒީފާއަށް ނިކުން މައްސަލާގައި، ބެލްޖިއަމްގެ ހޮސްޕިޓަލުން އޭނާ ވަޒީފާއިން ވަކި ކުރުމުންނެވެ.

ފަރަންސޭސި ހޮސްޕިޓަލަށް ހެލްގާ ވޯޓާޒް ރެކްރޫޓު ކުރި އޭޖެންސީއިން، އޭނާގެ ފުރިހަމަ ވަނަވަރު ދިރާސާ ކޮށްފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ކޯޓުން ވަނީ، ޒިންތިއާ ހޯކްސްގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 މިލިއަން ޔޫރޯ ދެއްކުމަށްވެސް ހުކުމް ކޮށްފައެވެ.

"އަދުލު އިންސާފު މިވަނީ މިކަހަލަ 'ޑޮކްޓަރުންނަށް' މިސާލު ދައްކާފަ. އަހަރެންގެ ނަޒަރުގައ މިއީ ޑޮކްޓަރެއް ނޫން"، ޒިންތިއާ ހޯކްސްގެ ހަޔާތުގެ ބައިވެރިޔާ، ޔެނިކް ބަލްތަޒާރު ބުންޏެވެ.