ރިޔާސީ އިންތިހާބުގައި ހިޔާނާތާއި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ، އެމެރިކާގައި އޮތް ޑިމޮކްރަސީއަކީ ގައިރުގާނޫނީ ނިޒާމެއް ކަމުގައި ދައްކުވާ، ޑިމޮކްރަސީގެ އަބުރު ކަތިލުމަށް ހިންގަވާ އަމަލުފުޅެއްގެ ގޮތުގައި، އެމެރިކާގެ އެންމެ މަގުބޫލު ރައީސްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ބަރާކް އޮބާމާ ސިފަކުރައްވައިފިއެވެ.

އަންނަ އާދީއްތަ ދުވަހު ސީބީސީއެސް ނިއުސްއިން ދުރަށް ފޮވުމަށް ހަމަޖެހިފައިވާ ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވަނީ، އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި، ޑިމޮކްރަޓުންގެ ކެންޑިޑޭޓު، ޖޯ ބައިޑަން މޮޅު ހޯއްދެވިކަން "ވަރަށް ސާފު" ކަމަށެވެ.

ޖޯ ބައިޑަން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ (ވ) / ފޮޓޯ: އެންވައިޓީ

ވޯޓު ގުނުމުގެ މަސައްކަތްތައް އަދި މުޅިން ނިންމާ ނުލެވި އޮތް ކަމުގައި ވީ ނަމަވެސް، އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތު ހޯއްދަވައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ވެރިކަމުގައި ހުންނަ ވާނީ ބައިޑަން ކަން، އެމެރިކާގެ މީޑިއާއިން އިއުލާން ކުރީ، ނިމިދިޔަ ހަފުތާ ބަންދުގައެވެ. މިއާއެކު ޓްރަމްޕާއި ޓްރަމްޕްގެ ކެމްޕޭނުން ވަނީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވާ، ޝަރުއީ އިމުގެ ތެރެއިން ވޯޓުގެ ކަންކަން "ހެމަޖެއްސުމުގެ" މަސައްކަތް ފައްޓަވާފައެވެ. އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޓްރަމްޕްގެ ކެމްޕޭނުން ބުނާއިރު، މިއިން އެއްވެސް ދައުވާއަކަށް ސާބިތު ހެއްކެއް، އަދި މިހާތަނަށް ދެއްކިފައެއް ނެތެވެ.

މިކަމާ ގުޅިގެން އޮބާމާ ވިދާޅުވީ އިންތިހާބާ ގުޅިގެން ޓްރަމްޕް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ، ބަލި ގަބޫލުކުރައްވަން ބޭނުންފުޅު ނުވާތީ ފެންމަތި ކުރައްވާ ތުހުމަތުތަކެއް ކަމަށެވެ. މިއީ ހަމައެކަނި ބައިޑަންގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލުވާލުން ނޫން ކަމަށާ، މިއީ ޑިމޮކްރަސީގެ ގާނޫނީ ހައިސިއްޔަތު ގެއްލުވަނިވި އަމަލެއް ކަމަށާ، މިއީ ނުރައްކާ ރާސްތާއެއް ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

ޖޯ ބައިޑަން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ (ވ) / ފޮޓޯ: ކްލިކް އޮން ޑެޓްރޮއިޓް

ސީބީއެސްއަށް އޮބާމާ ދެއްވި ބަސްދީގަތުމަކީ، އެމެރިކާގެ ސެނެޓާއި ރައީސް ކަމުގެ މަގާމަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ލިޔުއްވާފައިވާ ފޮތް އާންމުކޮށް ޝާއިއު ކުރުމާ ދިމާކޮށް، ދެއްވި ބަސްދީގަތުމެކެވެ. މިއީ ވައިޓްހައުސްގެ ދުވަސްވަރާ ބެހޭ ގޮތުން އޮބާމާ ލިޔުއްވާ 2 ފޮތުގެ ތެރެއިން ފުރަތަމަ ފޮތެވެ. "އަ ޕްރޮމިސްޑް ލޭންޑް" ޝާއިއު ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

ބާރުތައް ބަދަލުކުރުން އޮތީ ކިހާ ހިސާބެއްގަ؟

ޓްރަމްޕާއި ބައިޑަން ބައްދަލު ކުރެއްވި ކަމުގެ އެއްވެސް ހަބަރެއް އަދި ނުލިބެއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ޓްރަމްޕްގެ ރިޕަބްލިކަންސް މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ އެމެރިކާގެ އިންތިހާބީ ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، 7 ނޮވެމްބަރު 2020 ގައި ވައިޓްހައުސްއަށް ވަޑައިގަންނަވަނީ / ފޮޓޯ: ސީއެންއެން

ކަން މިހެން އޮތްއިރު، ފޮކްސް ނިއުސްއާ ވާދަކުރެއްވުމަށް ޓްރަމްޕްގެ ޑިޖިޓަލް މީޑިއާ ކުންފުންޏެއް ލޯންޗްކުރެއްވުމާ ބެހޭ ގޮތުން އަރިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ވަރުގަދަ އިލްޒާމްތަކެއް ޓްރަމްޕާއި ޓްރަމްޕްގެ ކެމްޕޭނުން ފެންމަތިކޮށް، ކޯޓަށްވެސް މައްސަލަ ހުށަހަޅާފައި ވާއިރު، އިންތިހާބީ ނަޒާހާތްތެރި ކަމާ ބެހޭ އެމެރިކާގެ އޮފިޝަލުން ވަނީ، އެއްވެސް ވޯޓެއް ގެއްލުވާލާފައި ނުވަތަ ފޮހެލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ގުނާފައިވާ ވޯޓަށް ބަލާއިރު، ބައިޑަން އޮތީ ޓްރަމްޕަށް ވުރެ 5.2 މިލިއަން ވޯޓު ކުރީގައެވެ.