މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށް ދެއްކުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުއެހުންތައް ފެށޭނެ ކަމަށެވެ.
އެގޮތުން ދެ ފުށް ފެންނަ ގޮތަށް ޝަރީއަތް ކުރިއަށްގެންދިޔުމަށް އެ އަޑުއެހުންތައް ލައިވްކޮށް ދުރަށް ދައްކަން އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ ޝަމީމު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ދެ ޝަރީއަތް ޕީޖީ އިން އެދިގެން ކްރިމިނަލް ކޯޓުގައި ވަނީ ލައިވްކޮށްފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއް ކޮށް ހުކުމެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބަށް އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގެ ބަންދުގައެވެ.