އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ވެސްޓް ބްރޯމްއާ ޓޮޓެންހަމް ކުޅުނު މެޗު 0-1 އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓްގައި ޓޮޓެންހަމްއަށް ޖަހާ ދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ހެރީ ކޭންއެވެ. މިއީ، އިންގްލިޝް ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 150 ވަނަ ލަނޑެވެ.

މެޗުގައި ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި އިރު ދެވަނަ ހާފްގައި ވެސްޓް ބްރޯމްގެ ކީޕަރު ސޭމް ޖޯންސްޓޯން ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްއިން މޮޅުވި ލަނޑަކީ ވެސްޓް ބްރޯމްގެ އޭރިއާ ތެރެއަށް އައި ހުރަހެއް ހިފަން ޖޯންސްޓޯން ފަސް ޖެހުމުން ކޭންއަށް ބޯޅަށް ގޯލަށް ޖެހުމަށް ލިބިގެން ދިޔަ ފުރުސަތެކެވެ. މި މެޗުގައި ވެސްޓް ބްރޯމްއަށް ވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތު ލިބުނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ތާވާލުގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ 8 މެޗު ކުޅެ 17 ޕޮއިންޓް ހޯދައިގެންނެވެ. މި ހަފްތާ ބަންދުގެ މެޗުތައް ފެށުމުގެ ކުރިން ތަވާލުގެ އެއްވަނައިގައި އޮތް ލިވަޕޫލް މިހާރު ތިން ވަނައަށް ވެއްޓިފައިވާ އިރު މިރޭ އެޓީމާ މެންޗެސްޓާ ސިޓީ ކުޅޭ މެޗުން މޮޅުވެގެން އަލުން ތާވާލުގެ އެއްވަނަ ހޯދޭނެއެވެ.

މިސީޒަންގައި އަލަށް ލީގަށް ޕްރޮމޯޓްވި ވެސްޓް ބްރޯމްގެ ސީޒަން އަދި ވެސް ފަށައިގަނެވޭ ވަރެއް ނުވެއެވެ. ކުޅުނު 8 މެޗުން އެޓީމަށް އެންމެ ތިން ޕޮއިންޓް ހޯދުނު އިރު ވެސްޓް ބްރޯމް އޮތީ ފުލުން ތިންވަނައިގައެވެ.