މީލާދީން 1963 ވަނަ އަހަރު، ސައުދީ އަރަބިއްޔާގެ މަދީނާއަށް އުފަންވި ޢަބްދުލްމުހްސިން ހަލާފު އަލްމުވައްލާދަކީ، ބާސްކެޓް ދުނިޔޭގައި އެ ނަމެއް، ރަން އަކުރުން ފާވަލުން ހައްގު ނަމެކެވެ. އަލްމުވައްލާދަކީ، މުޅި ދުނިޔެއަށް ބަލާލި ކަމުގައި ވީ ނަމަވެސް، ޕްރޮފެޝަނަލް ފެންވަރުގައި ބާސްކެޓް މުބާރާތްތައް ކުޅުނު، އުމުރުން އެންމެ ދޮށީ ކުޅުންތެރިޔާއެވެ. އަލްމުވައްލާދު ވަނީ މި ރޮނގުން، ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދާފައެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ އެންމެ ފަހު މެޗު ކުޅުނުއިރު އަލްމުވައްލާދުގެ އުމުރަކީ 51 އަހަރާއި 335 ދުވަހެވެ. 1979 ވަނަ އަހަރުގައި ފެށި ކެރިއަރުގައި، އަލްމުވައްލާދު، 36 އަހަރު ހޭދަކުރީ އެއް ކުލަބެއްގައެވެ.

"އަހަރެން ކުޅެން ފެށި އިރު، ބާސްކެޓަކީ ވަރަށް ތަފާތު އެއްޗެއް. އޭރު އެއްޗަކީ ޓީމަށް ކުޅުން. ކުޅިވަރުގެ މައިދާން މިހާރު ވަރަށް ބަދަލު ވެއްޖެ. މިކަމަށް ހާއްސާ ޓީވީ ޗެނަލްތަކެއްވެސް އެ އިރަކު ނޯވޭ. މިހާރުގެ ކުދިން ޖެހޭ އެބަ ލިބިފައި ހުރި ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފަން" އަލްމުވައްލާދު ބުންޏެވެ.

ސައުދީގެ ގައުމީ ބާސްކެޓް ޓީމަށް ކުޅުނު ޢަބްދުލްމުހްސިން ހަލާފު އަލްމުވައްލާދު / ފޮޓޯ: ވޯގް

އަލްމުވައްލާދު ވަނީ، ސައުދީގެ ގައުމީ ބާސްކެޓް ޓީމަށްވެސް ކުޅެފައެވެ. 1986 ވަނަ އަހަރު، ގައުމީ ޓީމަށް ކުޅެން ފެށި އަލްމުވައްލާދު ވަނީ، 2005 ވަނަ އަހަރު ރިޓާޔާ ކުރުމާ ހިސާބަށް ގައުމީ ޓީމަށް ކުޅެފައެވެ.

އަލްމުވައްލާދު ބުނާ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ލިބުމަކީ ފަހްރުވެރިވުން ހައްގު ކަމެކެވެ. ވަކިން ހާއްސަކޮށް، އޭނާއަކީ ސައުދީ މީހަކަށް ވެފައި، އޭނާއަކީ އަރަބަކަށް ވުމުން ކަމަށްވެސް އަލްމުވައްލާދު ބުނެއެވެ.

މިހާ ހިސާބަށް އައުމުގައި ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުވުމަކީ އެންމެ ޝުކުރުވެރިވާ އެއް ކަންތައް ކަމަށް، 'މުހްސިން'ގެ ނަމުން ބާސްކެޓް ކޯޓަށް މަޝްހޫރު އަލްމުވައްލާދު ވަނީ ބުނެފައެވެ.