ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދިވެހި ރައްޔިތުންގެ މާލިއްޔަތުން ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި އިރު، މިނިވަން މުވައްސަސާތައް ވެސް އޮތީ ގަދަ ނިންޖަކުން ނިދާފައެވެ.

ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ކޮރަޕްޝަން ހުއްޓުވުމަށް ފުރަތަމަ 100 ދުވަސް ތެރޭ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސްއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުންނެވެ. ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނަކީ ކޮރަޕްޝަނުގެ ތެރެއިން ދައުލަަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އުފައްދެވި ކޮމިޝަނެކެވެ.

އެގޮތުން ރައީސް ވެރިކަމަށް ވަޑައިގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ފެއްޓެވިއެވެ. އެ ބޮޑޫ ހިޔާނާތުގައި ހިމެނޭ މީހުންގެ އަދަދު ހާމަ ވެގެން ދިޔައީވެސް ހިނގަމުންދާ ވެރިކަމުގައެވެ. އަދި އެ ހިޔާނާތުގެ މައި މުގުލުގައި ހުންނެވި ކަމަށް ބުނާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކޮށް ވަނީ 5 އަހަރަށް ޖަލަށް ލައިފައެވެ. އަދި އެ މުޅި ހިޔާނާތް އޮޕަރޭޓް ކޮށް ހިންގި ކަމަށް ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ 20 އަހަރުގެ މުއްދަތަށް ޖަލަށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތް

އެމްއެމްޕީއާރުސީ ހިޔާނާތަކީ މި ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ 155 މީހެއްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައި ވާކަމަށާ 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދަނީ / ފޮޓޯ ހަސަން އަތޫފް | ދަ ޕްރެސް

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއް ކޮށް ހުކުމެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އެގޮތުން ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވާއިރު، މި މައްސަލައިގެ އިސްތިއުނާފު މިހާރު ހައި ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެޓާނީ ޖެނެރަލްގެ އޮފީހުން، ޔާމިން ޖޫރިމަނާ ކޮށްފައި ވާ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައި ވީ ނަމަވެސް އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެފައެވެ. އެގޮތުން ޔާމީން ދައްކަވަން ޖެހިވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް ފޮނުވާފައި ވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ.

އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ. އަދި އޭނާ މިހާރުވެސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ދައުލަތުން އިސްތިއުނާފް ކުރި މާބިންހުރާ މައްސަލައިގައި އަދީބު މިއަދު ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.

ވެންޓިލޭޓަރު މައްސަލަ

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީން/ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް | ޓްވިޓާ

ނަމަވެސް އެމައްސަލަ އާ ގުޅިގެން އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓާ ޖެނެރަލަށް ހިލާފު އުފެދިފައި ވާތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބަލައި ދިނުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތީ މިމަހު 21 ވަނަ ދުވަހުއެވެ.

އެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު ވަނީ ފަސް ކަމެއް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާފައެވެ.

އެއީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ ހުރިހާ މަރުހަލާއެއްގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ރިޕޯޓުން ހާމަވާން އޮތްކަމާއި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމުގައި އަމަލުކޮށްފައި ވަނީ ދައުލަތުގެ ފައިސާއަށް ރައްކާތެރި ވުމަށް އޮންނަ ގޮތްތައް އިހުތިޔާރު ކުރުމަށް ވުރެ ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތައް އިހުތިޔާރު ކޮށްގެން ކަމަށެވެ.

އޭގެ އިތުރުން މުޅި މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުން ކަމަށް ވާއިރު، އެ މަގްސަދު ގެއްލޭ ގޮތަށް ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމާ އެ މައްސަލައަކީ އޭސީސީ އާއި ފުލުހުން ގުޅިގެން ކޮށްފައިވާ ތަހުގީގެއްކަން ބަޔާންކޮށްފައި ވީ ނަމަވެސް، ތަހުގީގުގައި ފުލުހުން ބައިވެރިވިކަން، ނުވަތަ ބައިވެރިވެފައިވާ މިންވަރު ވެސް ސާފު ނުވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ. އަދި އެ މައްސަލާގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި ނަމަވެސް، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގެ ބައިވެރިވުމާއެކު، ޕީޖީގެ ނިންމުން އިތުރަށް މުރާޖައާކޮށް ދައުވާއެއް ކުރަން ފުރުސަތު އޮތްކަން ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ދިރާސާ ކުރުމަށް ފަހު މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން، ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށް ފާސްކޮށްފައި ވެއެވެ.

އެއީ ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ޕީޖީ ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަފާއެރުވުމާއި ކޮމެޓީގެ ފުރަތަމަ ހުށަހެޅުމުގައި ބަޔާންކުރާގޮތަށް އަމަލުކުރުމާއެކު، މައްސަލަ އަލުން މުރާޖައާކުރުމަށް ޕީޖީއަށް ލަފާއެރުވުން އަދި މައްސަލަ އަލުން މުރާޖައާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށް ޕީޖީއަށް ދެންނެވުމެވެ.

އެމައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެއޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތަކުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައި ވާކަން ބަޔާންކުރުމާ ގުޅިގެންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައި ވާއިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝިފާގެ ކޮރަޕްޝަންގެ މައްސަލަ

ޝިފާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައިވާ މައްސަަލަ އަކީ މާލޭ ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން 02 ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ކަން އެސީސީން ކުރި ތަހުގީގަށް ފާހަގަ ކުރެވުމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔާ، ޝިފާ މުހައްމަދު / ފޮޓޯ: ރައީސް އޮފީސް

އޭސީސީން ބުނެފައި ވަނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްފައި ވާއިރު އަަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާއަށް ކަމަށެވެ. އެ ހުއްދަ ދެއްވީ މޭޔަރު ޝިފާ ކަން އެ ކޮމިޝަންގެ ތަހުގީގުން އެނގިފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބިވަޑައިގެންފައި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގުން ފާހަގަ ވެފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވި މައްސަލަ އިސްލާހު ކުރުމަށް އަނބުރާ އޭސީސީއަށް މިމަހު ނުވަ ވަނަ ދުވަހު ވަނީ ފޮނުވާފައެވެ.

އެ ކަންކަން ފުރިހަމަކުރުމަށް ފަހު އަލުން އެ މައްސަލަ ޕީޖީއަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުނެއެވެ. އޭގެ ތެރޭގައި ދައުވާ ކުރުމުގެ ކުރިން އިސްލާހު ކުރަންޖެހޭ ކަންކަމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހިމެނެއެވެ.

އޭސީސީން މި މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮރަޕްޝަނަށް ގެންގުޅޭ ޒީރޯ ޓޮލަރެންސް ޕޮލިސީ

ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސަތަކީ ސުރުހީގައި ފާހަގަ ކޮށްފައިވާ، ކޮރަޕްޝަނަށް ގެންގުޅޭ ޒީރޯ ޓޮލަރެންސް ޕޮލިސީއެވެ. އެ ޕޮލިސީގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ބައެއް ކަންކަން ކުރެވިގެން ދާ މަންޒަރުތައް ފެނިއްޖެއެވެ.

އެގޮތުން އެމްއެމްޕީއާރުސީ މައްސަލައިގެ ތުހުމަތު އަމާޒުވުމާ އެކު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ ބޭފުޅުން މަގާމުން ސަސްޕެންޑްކޮށް، އެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި، އެ ބޭފުޅުންގެ ކުށެއް ނެތް ކަން ހާމަވަންދެން ގޭގައި ބޭތިއްބެވުމަކީ، ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހުގައި ފާހަގަ ކޮށްލެވޭ ފަދަ ވަރުގަދަ ފިޔަވަޅެކެވެ.

ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުއައްސަސާތަކުގެ އެކިއެކި ގިންތީގައި ތިއްބެވި ވެރިންގެ އަތްމަތިން ކޮރަޕްޝަނުގެ އަމަލުތައް ހިނގަމުން ދާކަން ހާމަ ވުމުން ރާއީސް ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ.

ނަމަވެސް އަދިވެސް ބޭނުންވާ ސްޕީޑެއްގައި އެމައްސަލަ ކުރެވެމުން ނުދާ ކަމަށް ދާދި ފަހުން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބޭނުންފުޅުވާ ގޮތަށް ވެސް އެކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.