އަވަށްޓެރި ސްރީލަންކާގެ ޕަނަދޫރާ އައްސޭރިފަށުގެ ސަރަހައްދުގެ ގޮނޑުދޮށަށް، 100 އަށްވުރެ ގިނަ، ބޮޑުމަސް ތިލަވެއްޖެއެވެ.

ބޮޑުމަސްތައް ތިލަވުމާއެކު ސްރީލަންކާގެ ފުލުހުންނާއި ކޯސްޓްގާޑުން ވަނީ، ރައްކާތެރި ކަމާއެކު އެ މަސްތައް، މާ ސިންގާ ކަނޑަށް ފުން ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ބޮޑުމަސްތައް ކަނޑަށް ދޫ ކުރުމުގެ މަސައްކަތުގައި އާންމު ރައްޔިތުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

ވެރިރަށް ކޮޅުނބުގެ ދެކުނުން، 25 ކިލޯމީޓަރު ދުރުގައި އޮންނަ ޕަނަދޫރާގެ ގޮނޑުދޮށަށް ބޮޑުމަސްތައް ތިލަވާން ފެށީ ހޯމަ ދުވަހުގެ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށެވެ. އަދި ގަޑިއެއްހާއިރު ގެ ތެރޭގައި، 100 އެއްހާ ބޮޑުމަސް ތިލަވިކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މެރިޓައިމް ޕްރޮޓެކްޝަން އޮތޯރިޓީ (މެޕާ) އިން ބުނީ، މިއީ އެގައުމުގެ ތާރީހުގައިވެސް މިހާ ގިނަ އަދަދަކަށް ބޮޑުމަސް ތިލަވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށާ، މިކަން މިހެން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި މިއީ ސެޕްޓެމްބަރު މަހު، އޮސްޓްރޭލިއާގެ ޓެސްމޭނިއާގައި ހިނގާދިޔަ ފަދަ ހާދިސާއަކަށް ވެދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ ބޮޑުމަސް، ގޮނޑުދޮށްތަކަށް ތިލަވަމުންދާ ސަބަބެއް ސައެންސްވެރިންނަށް އަދިވެސް ނުހޯދެއެވެ. ނަމަވެސް މި ދިރާސާތައް ކުރަމުން އަންނަތާ މިހާރު، އެތައް އަހަރެއް ވަނީ ވެފައެވެ.