ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ އިން ވަކިކުރާ ސަރަހައްދަށް ބަދަލު ގެނައުމަށް އެއް ފަރާތުގެ މަސްލަހަތު އެކުލެވޭ ގޮތަށް ކުރަމުންދާ މަސައްކަތްތަކަކީ އިންޑިއާގެ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް، އިންޑިއާގެ ބޮޑުވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

"ސަރުދާރް ޕަޓޭލް މެމޯރިއަލް" ގައި ތަގުރީރު ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، މި "ބަލިމަޑުކަމުގެ" ސަބަބުން، އިންޑިއާއާއި ޗައިނާގެ ގުޅުމަށް އިންތިހާ ނުތަނަވަސް ކަން ކުރިމަތި ކުރުވާފައި ވާ ކަމަށެވެ.

މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާއާއި ޗައިނާގެ ގުޅުން އެއް ހަމައެއްގައި "ސްޓޭބަލް ކޮށް" އޮންނަތާ 30 އަކަށް އަހަރު ވެފައި ވާ ކަމަށެވެ.

ބޯޑަރު ސަރަހައްދުގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ، އެހެން ގުޅުންތަކަށް އިތުރު ބަދަހިކަން ގެނައުމުގެ ބިންގާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެލްއޭސީ ބޯޑަރު ސަރަހައްދުގައި އުފެދުނު ހަމަނުޖެހުންތަކާއެކު އިންތިހާ ނުތަނަވަސްކަން ކުރިމަތިވެފައި ވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އިހު އޮތް އާންމު ހާލަތަށް ރުޖޫއަށް ވުމަށްޓަކައި، ދޭދޭ އެއްބަސްވުންތަކަށް ދެ ފަރާތުންވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ލައިން އޮފް ކޮންޓްރޯލް އޮތް ސަރަހައްދަށް ބަލާއިރު، އެ ފާހަގަ ބަދަލު ކުރުމުގައި ވަކި ފަރާތެއްގެ މަސްލަހަތު އިސް ވާ ގޮތަށް އޮންނަ އެއް ކަމެއްވެސް އިންޑިއާ ސަރުކާރުން ބަލައި ނުގަންނާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ ޑިޕްލޮމަސީއަކީ ގައުމީ ދިފާއާއި ސަލަމާތީ ބޭނުންތަކާ އިންތިހާއަށް ގުޅި، ލާ މެހިފައިވާ ފަލްސަފާއެއް ކަމަށާ، މި ފަލްސަފާއަކީ އިންޑިއާގެ ވިޔަފާރިއާއި އިގުތިސޯދީ ބޭނުންތަކަށްވެސް ރިއާޔަތް ކުރަނިވި ފަލްސަފާއެއް ކަން، ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަވަށްޓެރިންގެ ގޮތުގައި ފޯދެމުން އަންނަ ވަރުގަދަ ދެ ގައުމެއްގެ މެދުގައި އާންމު އުސޫލުން ގުޅުންތައް ދެމެހެއްޓުމަކީ މާ ފަސޭހަ ކަމެއް ނޫން ކަމަށާ، މިކަމުގައި އޮތީ ދެ ފަރާތުންވެސް އަނެކާގެ މަސްލަހަތު އިސްކޮށް، ހައްސާސްތަކަށް ސަމާލު ވުން ކަމަށްވެސް އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާއާއި ޗައިނާއިން ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި ކޯޅެމުންދާތާ އަހަރުތަކެއް ފާއިތުވެފައި ވީ ނަމަވެސް، މިއަހަރުގެ މެދަކާ ހިސާބުން ފެށިގެން އަސްކަރީ ކުރިމަތިލުންތަކެއްވެސް މި ސަރަހައްދުގައި ވަނީ ހިންގާފައެވެ.