ތުރުކީވިލާތުގެ އެއިޖިއާން އައްސޭރިފަށުގެ ސަރަހައްދުން އަދި ގްރީސްގެ ސަމޯސްއޭ ކިއުނު ރަށުގެ އުތުރަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ، އެ ބިންހެލުމާ ވިދިގެން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 22 އަށް އަރާ، ޒަހަމްވީ މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތުރުކީވިލާތުން މަރުވި 20 މީހަކާ، ސާމޯސް އިން މަރުވި ފުރާވަރު އުމުރުގެ 2 ކުއްޖެއް ކަމަށް ޚަބަރު ލިބެއެވެ.

ތުރުކީވިލާތުގެ އިޒްމީރު ޕްރޮވިންސަށް އައި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގެ ބިންހެލުމެއް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓް ކޮށްފައި ވާ އިރު، ތުރުކީވިލާތުން ބުނަނީ މި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 6.6 ގެ ބާރު މިނުގެ ބިންހެލުމެއް ކަމަށެވެ.

ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ޚަބަރު ދޭ ގޮތުގައި، 70 މީހަކު ސަލާމަތް ކޮށްފައި ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުންނެވެ. ކަމާ ބެހޭ ފަރާތްތަކުން ރޭ ވެސް ވަނީ އިތުރު ބަޔަކު ދިރި ހުއްޓާ ސަލާމަތް ކުރެވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެން ގޮސްފައެވެ.

އިޒްމީރް ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމާ، އެރި ސުނާމީއާ ގުޅިގެން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ކާވުސޮގްލޫއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

އެއިޖިއާން ސަރަހައްދަށް އައި ބިންހެލުމާއި ސުނާމީގައި ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، މުދަލާތަކެއްޗަށް ގެއްލުން ލިބުނު ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށް ޝާހިދުގެ ތައުޒިޔާ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޮމާން ކަމާއެކު ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، ތުރުކީވިލާތުގެ އަޚުވަންތަ އަހުލުވެރިންނަށް ކެތްތެރިކަން ދެއްވުން އެދި މި ދަނޑިވަޅުގައި ދުޢާ ކުރައްވާ ކަމަށްވެސް ދިވެހި ހާރިޖީ ވަޒީރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތުރުކީވިލާތަށް ފޮނުއްވި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.