ހަނގުރާމަ ދިގުލާ ގޮސްފައިވާ ޔަމަނަކީ މިއަދު ދިރިއުޅުން އެންމެ ދަތިވެފައިވާ އެއް މަންޒިލެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނަށެވެ. އެއް ބަޔަކުން ފަސޭހަ ކަމާއެކު ސަލާމަތްވެވިދާނެ ބަލިތަކާ، ހަށިގަނޑަށް ބޭނުންވާ މިހިންމު މާއްދާތައް ނުލިބި، މެލްނިއުޓްރިޝަންގެ ސަބަބުން، ޔަމަނުން އަހަރަކު އެތައް ކުދިންނެއް ދަނީ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކުރަމުންނެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، މެލްނިއުޓްރިޝަންގެ ތަކުލީފުތައް އުފުލަމުންދާ ޔަމަނުގެ ކުޑަކުދިންގެ އަދަދު، މި އަހަރު ނިމޭއިރު 2.4 މިލިއަނަށް އެރުން އެކަށީގެންވެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ޔަމަނަށް ބޭނުންވާ އިންސަނީ އެހީގެ ފަންޑުގައި ހަގީގީ ކުލަ ޖެހެމުން ނުދިއުމެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޔަމަނުގެ ކާރިސާ މިހާރު އޮތީ ތާރީހު ނުދެކޭ ފަދަ ހާލަތެއްގައެވެ. ހަނގުރާމަ ފެށުނު ފަހުން 6 އަހަރު ދުވަސް ފާއިތުވެ ދިޔައިރު، ބަނޑުހައިހޫނުކަން ގަދަވެ، ބަނޑަށް ޖެހުމާ ހިސާބަށް ދިއުން ގާތެވެ.

ޔަމަނުގެ 100000 އެއްހާ ކުދިން މިހާރުވެސް އޮތީ މަރުގެ ތުންފަތް މަތީގަ / ފޮޓޯ: ބިޒްނަސް އިންސައިޑާ

އދގެ އޮފިޝަލަކު އިންޒާރު ކުރެއްވި ގޮތުގައި، 100000 އެއްހާ ކުދިން މިހާރުވެސް އޮތީ މަރުގެ ތުންފަތް މަތީގައެވެ.

މެލްނިއުޓްރިޝަންގެ ތަކުލީފު މިއަހަރު ވަކިން ބޮޑެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއާ، އިގުތިސޯދީ ހީނަރުކަމާ، ފެންބޮޑުވުމުގެ ހާދިސާއަކީ ހަނގުރާމައިގެ އިތުރުން ޔަމަނަށް އޮތް ގޮންޖެހުންތަކެވެ.

އެތައް މިލިއަން ބަޔަކު ވަނީ ކާބޯތަކެތި ހޯދާނެ ގޮތެއް ނޭނގޭ ހާލުގައެވެ. ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތުން މަހްރޫމުވެފައެވެ. ސިއްހީ ފަރުވާއެއް ނެތެވެ.

މެލްނިއުޓްރިޝަންގެ ތަކުލީފުތައް އުފުލަމުންދާ ޔަމަނުގެ ކުޑަކުދިންގެ އަދަދު، 2.4 މިލިއަނަށް އެރުން އެކަށީގެންވޭ / ފޮޓޯ: ދަ ގާޑިއަން

އެހީވާން ބުނި ޑޯނަރުންނަށް ވައުދު ފުއްދާ ނުދެވި އިތުމުގެ ސަބަބުން، މި ތަކުލީފުތައް ވަނީ ހައްތަހާ ބޮޑެވެ. ދިފާއުގެ ނަމުގައި ޔަމަނުގެ ހަނގުރާމަ ތެރެއަށް ވަދެ، ހަމަލާ ދެމުންދާ ސައުދީ އަރަބިއްޔާއިންވެސް ޔަމަނަށް ދޭން ބުނީ އެހީގައި ހަގީގީ ކުލަ ޖައްސައިދިނުމަށް އޮތީ ފެއިލްވެފައެވެ. ޔަމަނު ފަންޑަށް 3.2 ބިލިއަން ޑޮލަރު ބޭނުން ވާއިރު، އަދި ލިބިފައި ވަނީ 1.43 ބިލިއަން ޑޮލަރެވެ.

އިތުރު އެހީއާ ނުލާ އދއަށްވެސް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ކުރިއަށް ހަފުތާތަކުގެ ތެރޭގައި، އެހީގެ މަޝްރޫއުތަކެއް ހުއްޓާލަންވެސް ޖެހެއެވެ. ފަންޑު ހުސްވެގެންނެވެ. ޔަމަނު މިއަދު ބަރޯސާވަނީ ބޭރުގެ އެހީއަށެވެ. އެހީއާ ނުލާ ޔަމަނަށް ނުރައްކާ ބޮޑެވެ. އާބާދީގެ 80 ޕަސެންޓް މީހުންނަކީ ހިލޭދޭ އެހީއަށް ބަރޯސާ ވާ ބައެކެވެ.

ޔަމަނުގައި ބަނޑުހައިހޫނުކަން ގަދަވެ، ބަނޑަށް ޖެހުމާ ހިސާބަށް ދިއުން ގާތް / ފޮޓޯ: ޔޫޓިއުބް

ދާހިލީ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ. އާބާދީގެ 80 ޕަސެންޓް މީހުން ދިރިއުޅެނީ އިންސާނީ އެހީއަށް ބަރޯސާވެގެން ކަމަށް ވީ ނަމަވެސް، ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކާ، އަޅަމުންދާ ފިޔަވަޅުތަކާ، ކުރިމަތިކުރާ ފިއްތުންތަކާއެކު އާންމު ރައްޔިތުންނަށް ހައްގު ކާބޯތަކެއްޗާ ސިއްހީ ފަރުވާއިން އެ ބައި މީހުން ވަނީ މަހްރޫމުވެފައެވެ.

2014 ވަނަ އަހަރު ޔަމަނުގައި ދާހިލީ ހަނގުރާމަ ފެށި، ސައުދީގެ އެއްބާރުލުން ލިބިފައިވާ ސަރުކާރާ، އީރާނުގެ ތާއީދު އޮތް ހޫތީންނާ ދެމެދުއެވެ. މަރުކަޒީ ސަރުކާރެއް ނެތި، މުޅި ޔަމަނު ވަނީ މިއަދު ފެއިލްވެފައެވެ. ޔަމަނު ފެއިލްކޮށްލީ، ބައިނަލްއަގުވާމީ މުޖުތަމައުން ނޫންތޯއެވެ!