އިސްތިގުލާލީ މިނިވަންކަމާއި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވިފައި ވާ ގައުމަކަށް ސްރީލަންކާ ހެދުމަށް އެމެރިކާގެ އެއްބާރުލުން ލިބެމުން ދާނެ ކަން އެގައުމުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، ސްރީލަންކާއަށް ކަށަވަރު ކޮށްދެއްވައިފިއެވެ.

ސްރީލަންކާގެ މިނިވަންކަމާ ސަލާމަތުގެ ދިފާއުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދީފައި ވަނީ، އޭޝިއާގެ ގައުމުތަކަށް ޕޮމްޕޭއޯ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ލަންކާ ލެގްގައެވެ.

އިންޑިއާގައި ކުރިއަށް ގެންދެވި 3 ވަނަ 2+2 ގެ މަޝްވަރާތަކަށް ފަހު ރޭގެ ވަގުތެއްގައި ލަންކާއަށް ވަޑައިގެންނެވި ޕޮމްޕޭއޯ ވަނީ، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިތުރުން ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވަކިވަކީން ބައްދަލު ކުރައްވާފައެވެ.

ޕޮމްޕޭއޯގެ މި ދަތުރުގައި ލަންކާގެ އިސްވެރިންނާއެކު މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ދެފުށް ފެންނަ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ތެރެއިން އިގުތިސޯދީ ގުޅުންތައް ބަދަހި ކުރުމާ، މިއަދު ކުރިމަލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާއިން ކުރިމަތިވި އިގުތިސޯދީ ހީނަރުކަމުން ސަލާމަތް ވުމަށް އެއްބާރުލުން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޕޮމްޕޭއޯއަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޒައާމަތުގައި، ސްރީލަންކާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ އިސް އޮފިޝަލެވެ. ޕޮމްޕޭއޯގެ އޭޝިއާ ދަތުރުގެ ލަންކާ ލެގް ނިންމަވާ ލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.