ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަމަލުތައް ހުންނަ ގޮތުން ޗައިނާގެ މައްޗަށް އިތުބާރު ގެއްލެމުން ދާ ކަމަށާ، އެ ސަރަހައްދުގައި ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، އިންޑިއާގެ ހާރިޖީ ވަޒިރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

15 ވަނަ އީސްޓް އޭޝިއާ ސަމިޓްގައި ތަގުރީރު ކުރައްވަމުން ޖައިޝަންކަރު ވަނީ، ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމް ކުރުމާއި، ސަރަހައްދީ ނަޒާހާތްތެރިކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަން ޗައިނާއަށް ހަނދާން ކޮށްދެއްވާފައެވެ.

އާސިއާންގެ މެމްބަރު 10 ގައުމު ވަށާލެވިފައިވާ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގެ މުހިންމުކަން އިތުރު ވަމުން އަންނަ މިދަނޑިވަޅުގައި، އެ ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ބައިނަލްއަގުވާމީ އެއްބާރުލުން ލިބެމުން ދަނީ ކަމުގައި ވަނީ ނަމަ، އެކި ތަސައްވުރުތައް ސުލްހަ ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ވާޗުއަލް ޕްލެޓްފޯމުގައި ކުރިއަށްދިޔަ ސެޝަންގައި ވާހަކަދައްކަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަހު، އަދުގެ ދުނިޔެއަށް މިއހާރު ކުރިމަތިލާން ޖެހިފައިވާ ބޮޑެތި މައްސަލަތަކަށް ރިއާޔަތް ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސަރަހައްދީ އިން ހުރަސްކޮށް، ކުރިމަތިލާންޖެހިފައިވާ ޓެރަރިޒަމްގެ ނުރައްކަލާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، އެކި ކަހަލަ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ބޭނުން ވާނެ ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އާސިއާން ގައުމުތަކުގެ އިތުރުން، އީސްޓް އޭޝިއާ ސަމިޓްގެ ބައިވެރިންގެ ލިސްޓުގައި ދެން ހިމެނޭ އިތުރު ގައުމުތަކަށް ބަލާއިރު، އިންޑިއާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، އެމެރިކާ އަދި ރަޝިއާ ފާހަގަ ކުރަންޖެހެއެވެ.

އީސްޓް އޭޝިއާ ސަމިޓްގައި އިންޑިއާގެ ހަރިޖީ ވަޒީރު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައި ވާ ދަނޑިވަޅެއްގައެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ޗައިނާ ހިއްސާވާހެން އުފެދިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ސީރިއަސް މައްސަލައެކެވެ. ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރި ކަމަށް ޗައިނާއިން ވަކާލާތުކޮށް، އަތްގަދަ ކުރަމުން ދާއިރު، ވިއެޓްނާމް، ފިލިޕީންސް އަދި ބުރޫނާއީ ފަދަ ގައުމުތަކުންވެސް ދަނީ ޗައިނާގެ ދައުވާތަކަށް ގޮންޖަހަމުންނެވެ.

ދާދި ފަހުން ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، އެމެރިކާގެ ހާރިޖީ ވަޒީރު، މައިކް ޕޮމްޕޭއޯވެސް ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ފާޑުވިދާޅުވުންތަކަށް، ޗައިނާ އެމްބަސީއިން ވަނީ ރައްދުވެސް ދީފައެވެ.