އާރާއި ބާރުގެ ގޮތުން ދުނިޔޭގެ ސުޕާޕަވަރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

އެމެރިކާގެ ރެސިޑެންޓް އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވަން ނިންމިކަން އިއުލާން ކޮށްފައި ވަނީ، އެމެރިކާގެ ހާރިޖީ ވަޒީރި މައިކް ޕޮމްޕޭއޯ، އޭޝިއާގެ 4 ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިވެހިރާއްޖެއަށް މިއަދު ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއެކު ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

އެމެރިކާގެ އެމްބަސީއެއް ދިވެހި ފަސްގަނޑުގައި ގާއިމުކުރުމާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ހާރިޖީ ވަޒީރު ޕޮމްޕޭއޯ ރާއްޖެއަށް ވަޑައިގެންނެވި ކަމީ، އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދޭދޭ ބަދަހި ގުޅުމުގެ މުހިންމުކަން އަންގައިދެނިވި ކަންތައްތަކެއް ކަމެއް ކަމަށް ދިވެހި ސާރުކާރުން ފާހަގަ ކުރެއެވެ.

ހަމަ އެހެންމެ ޕޮމްޕޭއޯގެ މި ދަތުރާއެކު ބައިނަލްއަގުވާމީ ބަހާގައި ދިވެހިރާއްޖޭގެ ވަނަވަރުގެ އަގު އުފުލި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީވެދޭނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.

އެމެރިކާއާއެކު ދިވެހިރާއްޖޭން ދަމަހައްޓަމުން އަންނަ ބައި ގަރުނަށްވުރެ ދުވަސްވީ ގުޅުމުގެ ސަމުގާ އަމާޒުވާ ދާއިރާތަކުގެ ތެރޭގައި ކަނޑުދަތުރުފަތުގެ ސަލާމަތްތެރިކަން، އިގުތިސޯދީ ތަރައްގީ، ކާރިސީ ހިރާސް ކުޑަކޮށް އެކަމަށް އަހުލުވެރިވުން، ޓެރަރިޒަމް ފަދަ ނުރައްކާތަކާ ދެކޮޅު މަޝްރޫއު، ގައިރު ގާނޫނީ ވިޔަފާރި ހުއްޓުވުން، ހުއްދައިގެ އިމުން ބޭރުން ކުރާ މަސްވެރިކަން ހުއްޓުވުން އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަނެ ގައުމު އާރާސްތު ކުރުމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާގެ ބެޓާ ޔޫޓިލައިޒޭޝަން އޮފް އިންވެސްޓްމަންޓްސް ލީޑީންގް ޓި ޑިވަލޮޕްމަންޓް (ބިލްޑް) ގެ އުދަރެހުގައިވެސް ރާއްޖޭގެ ނަން ލިޔެފައި ވާ ކަމަށާ، މި މަޝްރޫއަކީ އިންޑޯ-ޕެސިފިކް ގައުމުތަކުގެ ޕްރައިވެޓް ސެކްޓާ ކެޕޭސިޓީ ބާރުވެރި ކުރުވުމުގެ މަޝްރޫއެއް ކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.

މި މަޝްރޫއުތަކަކީ މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން ކުރިމަތިކުރިވި އިގުތިސޯދީ ތަކުލީފުތަކަށް ތަސައްލީ ހޯދާދޭނެ ކަމެއް ކަމަށާ، މިއީ އިސްތިރާޖީ އެކްޝަން ޕްލޭންގައިވާ މަޝްރޫއުތައް ހަރަކާތްތެރި ކުރުވުމަށްވެސް އެހީވެދޭނެ ކަންތައްތަކެއް ކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.

މައިކް ޕޮމްޕޭއޯއަކީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމުގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ރާއްޖެއަށް ވަޑައިގެންނެވި ފަހުން، އެމެރިކާގެ ސަރުކާރުގެ ފަރާތުން މި ގައުމަށް ވަޑައިގެންނެވި ސަރުކާރުގެ އެންމެ އިސް އޮފިޝަލެވެ.

1966 ވަނަ އަހަރު ރާއްޖެއާއި އެމެރިކާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހިންގާފައެއް ނުވެއެވެ. ޑިޕްލޮމެޓިކް މިޝަންއެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުންދަނީ އެމެރިކާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅައިގެން ލަންކާގައި ހިންގާ އެމްބަސީއެވެ.