ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ އަމަލުތައް ހުރީ ގާނޫނީ އިމުން ބޭރުން، ނުރައްކާ ބީދައަކުން ކަމަށް ވިދާޅުވެ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއަށް، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ފާޑުވިދާޅުވެއްޖެއެވެ.

ދެކުނު އެޝިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރާއެކު ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގައި ކުރިއަށް ގެންދެވި ދޭދޭ މަޝްވަރާތަކަށް ދެއްވި ގުޅިފައިވާ މީޑިއާ ބަޔާނުގައި ޕޮމްޕޭއޯ ވިދާޅުވީ ޗައިނާގެ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާ ފަދަ ގައުމުތަކުން، ސަލާމަތާ މެދު ހާއްސަ ނަޒަރަކުން ބަލަމުން އަންނަ ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ ނުވަތަ އަސްކަރިއްޔާއިން އަތްގަދަ ކުރަމުންދާ މަންޒަރު މިހާރުވެސް ފެންނަމުން ދާ ކަމަށާ، އަވަށްޓެރި ގައުމުތަކުގެ އިގުތިސޯދީ ސަރަހައްދަށް ޗައިނާއިން ވަންނަ މަންޒަރު ފެންނަ ކަމަށާ، ޗައިނާގެ ދައުލަތުގެ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުން ދެމުންދާ މަންޒަރުވެސް ފެންނަމުން ދާ ކަމަށް ވިދާޅުވެ، ޕޮމްޕޭއޯ ވަނީ ޗައިނާއަށް ބަހުގެ އިތުރު ހަމަލާތަކެއް ދެއްވާފައެވެ.

މިފަދަ ކުންފުނިތަކުން ކަނޑުތައް ތަގައްޔަރު ކުރަމުންދާ ދިއުމުގެ އަސަރު އެހެން ގައުމުތަކަށް ފޯރާނެ މިންވަރު ވަޒަން ކުރަން ދަތި ކަމަށްވެސް ޕޮމްޕޭއޯ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގައިރު ގާނޫނީ ގޮތުގައި ކުރާ މަސްވެރިކަން ހުއްޓުވާ، އެކަން ރިޕޯޓް ކުރުމަށްވެސް ޗައިނާގެ ސަރުކާރު ފެއިލްވެފައި ވާކަމަށް ޕޮމްޕޭއޯ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާއަކީ ތަފާތު ގައުމެއް ކަމަށާ، އެމެރިކާއަކީ އިސްގުތިލާލަށް އިހުތިރާމް ކުރާ ގައުމެއް ކަމަށް ޕޮމްޕޭއޯ ވިދާޅުވިއެވެ. އެމެރިކާއަކީ ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލުތަކަށް ވަކާލާތު ކުރާ ގައުމެއް ކަމަށާ، އެމެރިކާއަކީ އެކުވެރިކަން ބަދަހި ކުރާ ގައުމެއް ކަމަށްވެސް ޕޮމްޕޭއޯ ވިދާޅުވިއެވެ. މި ބިންގަލުގެ މަތީގައި ބިނާ ކުރެވޭ ބަދަހި ގުޅުމާއެކު ދިވެހިރާއްޖެއަށްވެސް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮމްޕޭއޯ ވިދާޅުވިއެވެ.

މިފަދަ ރޫހެއްގައި ޕޮމްޕޭއޯ ވާހަކަދައްކަވާފައި ވާއިރު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ނިންމާފައި ވާކަންވެސް ޕޮމްޕޭއޯގެ ދަތުރުގައި ވަނީ އިއުލާން ކުރައްވާފައެވެ.

އެމެރިކާގެ އެމްބަސީއެއް ދިވެހި ފަސްގަނޑުގައި ގާއިމުކުރުމާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ހާރިޖީ ވަޒީރު ޕޮމްޕޭއޯ ރާއްޖެއަށް ވަޑައިގެންނެވި ކަމީ، އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދޭދޭ ބަދަހި ގުޅުމުގެ މުހިންމުކަން އަންގައިދެނިވި ކަންތައްތަކެއް ކަމެއް ކަމަށް ދިވެހި ސާރުކާރުން ފާހަގަ ކުރެއެވެ.

އެމްބަސީ އެމްބަސީ ހުޅުވުމާ ގުޅޭ ގޮތުން ބްރެސް ބްރީފްގައި ވާހަކަދައްކަވަމުން ދިވެހި ހަރިޖީ ވަޒީރު ވިދާޅުވީ، މިއީ ދެގައުމުގެ ޒަމާންވީ ގުޅުމަށް ބޮޑު ބަދަހި ކަމެއް އަންނާނެ ކަމެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ އަދުގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ދެކޭ ގޮތް ވަރަށް ސާފުކޮށް އަންގައިދޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއީ މިއަދު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާ، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ރަސްމީ އެޖެންޑާ ނިމިފައި ވާއިރު، އޭނާ ރާއްޖެއިން ފުރަން ހަމަޖެހިފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.