ދެކުނު އޭޝިއާގެ 4 ގައުމަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ފުރާވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ޕޮމްޕޭއޯއަށް ވަދާއު ދެންނެވި ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ.
ގާތްގަނޑަކަށް 6 ގަޑިއެއްހާއިރަށް ދެމިގެންދިޔަ މި ދަތުރުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ޕޮމްޕޭއޯ އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއެވެ. ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު އޮތް މަޝްވަރާތަކަށް ފަހު ޕޮމްޕޭއޯ ވަނީ ދިވެހި ހާރިޖީ ވަޒީރާއެކު ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގައި ދޭދޭ ގުޅުންތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ޕޮމްޕޭއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި ނިންމެވި އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް އެޅުމަށް ނިންމެވި ނިންމެވުމެވެ.
ޕޮމްޕޭއޯގެ މި ދަތުރާއެކު ބައިނަލްއަގުވާމީ ބަހާގައި ދިވެހިރާއްޖޭގެ ވަނަވަރުގެ އަގު އުފުލި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީވެދޭނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.
މައިކް ޕޮމްޕޭއޯއަކީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމުގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ރާއްޖެއަށް ވަޑައިގެންނެވި ފަހުން، އެމެރިކާގެ ސަރުކާރުގެ ފަރާތުން މި ގައުމަށް ވަޑައިގެންނެވި ސަރުކާރުގެ އެންމެ އިސް އޮފިޝަލެވެ.
ރާއްޖެ ލެގް ނިންމަވާލެއްވުމަށްފަހު ޕޮމްޕޭއޯ ދެން ވަޑައިގަންނަވާނީ އިންޑޮނޭޝިއާއަށެވެ.