ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު ރާއްޖެ ވަޑައިގެން، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ މަސައްކަތް ކުރެއްވީ ޗައިނާއާއި ދިވެހިރާއްޖެ ޖައްސަން ކަމަށާ، ޕޮމްޕޭއޯ ފެތުރެއްވީ ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ބުނެފިއެވެ.

ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއާއެކު ފުލްމޫން ރިސޯޓުގައި ކުރިއަށް ގެންދެވި ދޭދޭ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ޕޮމްޕޭއޯ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް، އެކަމަށް ރައްދު ދެމުން ޗައިނާ އެމްބަސީއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ޕޮމްޕޭއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެދި އަވަދިނެތި އުޅުއްވީ އެއްވެސް ބުރަދަނެއް، ހަގީގަތެއް އެކުލެވިގެން ނުވާ ސިޔާސީ "ތޯތޯ" ވާހަކަތަކެއް ދައްކައިގެން ޗައިނާއާއި ދިވެހިރާއްޖެ ޖައްސަން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ރައީސް އޮފީސް

އެއް ފަރާތަކަށް ބުރަވުމުގެ ފަލްސަފާއަކީ ބަދަލުވުމެއް ނެތް ގޮތުގައި އެމެރިކާއިން އަމަލު ކުރަމުންދާ ފަލްސަފާއެއް ކަމަށާ، މިއީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަޖެހުމާ، ސުލްހައަށް އޮތް ނުރައްކަލެއް ކަމަށްވެސް ޗައިނާ އެމްބަސީގެ ބަޔާނުގައިވެއެވެ.

ތަރައްގީ އަކީ ކޮންމެ ގައުމަކަށް ވެސް އޮތް ހައްގެއް ކަމަށާ، ސުލްހަވެރި ގޮތުގައި ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމަކީވެސް ކޮންމެ ގައުމަކަށް އޮތް ހައްގެއް ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައި ވެއެވެ.

މި މޭރުމުން ބަޔާން ކުރިއަށް ގެންދަމުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ވަނީ، އެމެރިކާއަކީ ވަކި ކޮޅަކަށް އެރުމަށް ކުދި ގައުމުތަކަށް، ފާޅުގައި ޕްރެޝަރު ކުރާ ގައުމެއް ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާއަކީ އިސްތިގުލާލަށް އިހުތިރާމް ކުރާ ގައުމެއް ކަމަށް ޕޮމްޕޭއޯ ވިދާޅުވުމަކީ ހަޖޫ ޖެއްސެވުން ކަމަށްވެސް ޗައިނާ އެމްބަސީއިން ވަނީ ސިފަކޮށްފައެވެ.

ޗައިނާގެ ތަރައްގީގެ މަޝްރޫއަކީ ނުރައްކަލެއް ނޫން ކަމަށާ، އެއީ ލިއްބައިދޭ ފުރުސަތެއް ކަމަށާ، ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ދެ ފަރާތުގެ މަސްލަހަތުވެސް އެކަމުގައި އެކުލެވޭ ގުޅުމެއް ކަމަށް ޗައިނާ އެމްބަސީއިން ފާހަގަ ކުރެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެ ވެރިކަމުގައި ޗައިނާއާ ގުޅުންތައް ބަދަހިވި

ޕޮމްޕޭއޯ ވިދާޅުވީ ކީކޭ އަދި ޗައިނާގެ ދިފާއަކީ ކޮބާ؟

ޝާހިދުއާއެކު ކުރިއަށް ގެންދެވި ގުޅިފައިވާ ޕްރެސް ބްރީފްގައި ޕޮމްޕޭއޯ ވަނީ، ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ އަމަލުތައް ހުރީ ގާނޫނީ އިމުން ބޭރުން، ނުރައްކާ ބީދައަކުން ކަމަށް ވިދާޅުވެ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއަށް ފާޑުވިދާޅުވެފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާ ފަދަ ގައުމުތަކުން، ސަލާމަތާ މެދު ހާއްސަ ނަޒަރަކުން ބަލަމުން އަންނަ ކަމަށްވެސް ޕޮމްޕޭއޯގެ ބަޔާނުގައި ވިދާޅުވިއެވެ.

ޗައިނާއިން ބުނާ ގޮތުގައި މިއީ ޗައިނާއާ މެދު ގައުމުތަކުގައި ދެކޮޅުވެރިކަމުގެ ރޫހު އަށަގެންނެވުމަށް އެމެރިކާގެ ޕޮލިޓީޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ޕޮމްޕޭއޯވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމެރިކާގެ ސިޔާސީ ޝަހްސުން މިހާރު ފަތުރުއްވަމުންދާ ފިކުރުގައި އޮތީ "ފިނި ހަނގުރާމަ" އެއްގެ އަސަރު ކަމަށްވެސް ޗައިނާ އެމްބަސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ޗައިނާއިން ކުށްވެރި ކުރާ ވާހަކަތަކެއް ކަމަށާ، މިއީ އެއްވެސް ބައެއްގެ ހިތް އަތުލެވޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން އާންމު ކުރި ބަޔާނުގައިވެއެވެ.

މެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މިނިސްޓަރު ޝާހިދާއެކު / ފޮޓޯ: ފޮރިން މިނިސްޓްރީ

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ ނުވަތަ އަސްކަރިއްޔާއިން އަތްގަދަ ކުރަމުންދާ މަންޒަރު މިހާރުވެސް ފެންނަމުން ދާ ކަމަށާ، އަވަށްޓެރި ގައުމުތަކުގެ އިގުތިސޯދީ ސަރަހައްދަށް ޗައިނާއިން ވަންނަ މަންޒަރު ފެންނަ ކަމަށާ، ޗައިނާގެ ދައުލަތުގެ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުން ދެމުންދާ މަންޒަރުވެސް ފެންނަމުން ދާ ކަމަށް ވިދާޅުވެ، ޕޮމްޕޭއޯ ވަނީ ޗައިނާއަށް ބަހުގެ އިތުރު ހަމަލާތަކެއް ދެއްވާފައެވެ.

އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި، ޗައިނާގެ 2 ދުޝްމަނުން ކަމަށްވާ އެމެރިކާއާއި އިންޑިއާގެ އިތުރުން ޖަޕާނު އަދި އޮސްޓްރޭލިއާ ގުޅިގެން "ކުއަޑް"ގެ ނަމުގައި އަސްކަރީ ތަމްރީނުތަކެއް ފަށަން ވަގުތު ކުޑަތަންވެފައި ވާއިރު، ޗައިނާއިން ވަނީ އެކަމަށް ފާޑުކިޔާފައެވެ.

މިއީ އެކި ގުރޫޕުތަކުގެ މެދުގައި ހަމަނުޖެހުން އުފައްދާ، ޖިއޮޕޮލިޓިކަލް ވާދަވެރިކަން އުފެއްދުމަށް ހިތްވަރުދެނިވި ތަމްރީނުތަކެއް ކަމަށްވެސް ޗައިނާއިން ވަނީ ސިފަކޮށްފައެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމަށްވެސް ލޮޅުން އަރުވަނިވި ކަމެއް ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖޮންގް ލީޒޮންގް (މ) އަދި ދިވެހިރާއްޖޭގެ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު (ކ) ސަލާމަތް ކުރައްވަނީ/ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެކުނު ޗައިނާ ޗައިނާ ކަނޑުގައި ޗައިނާއިން ގެންގުޅެނީ އަސްކަރީ ރޫހެއް ކަމަށް ޕޮމްޕޭއޯ ވިދާޅުވާއިރު، ނާންޝާ އައިލަންޑްސްގައި ޗައިނާއިން ހިންގާ ދިފާއީ މަޝްރޫއަކީ ގާނޫނީ ހައިސިއްޔަތު އޮތް، ދެކޮޅު ޖެހޭ، އިސްތިގުލާލީ ރޫޙު އެކުލެވޭ ކަމެއް ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާގެ ކުންފުނިތަކުން ކަނޑުތައް ތަގައްޔަރު ކުރަމުންދާ ދިއުމުގެ އަސަރު އެހެން ގައުމުތަކަށް ފޯރާނެ މިންވަރު ވަޒަން ކުރަން ދަތި ކަމަށްވެސް ޕޮމްޕޭއޯ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގައިރު ގާނޫނީ ގޮތުގައި ކުރާ މަސްވެރިކަން ހުއްޓުވާ، އެކަން ރިޕޯޓް ކުރުމަށްވެސް ޗައިނާގެ ސަރުކާރު ފެއިލްވެފައި ވާކަމަށް ޕޮމްޕޭއޯ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ރާއްޖެއަށް ކުރައްވާ ދަތުރު: މިނިސްޓަރު ޝާހިދާއެކު ބޭއްވި ޕްރެސް ކޮންފަރެންސް / ފޮޓޯ: ރައީސް އޮފީސް

އެމެރިކާއަކީ ތަފާތު ގައުމެއް ކަމަށާ، އެމެރިކާއަކީ އިސްގުތިލާލަށް އިހުތިރާމް ކުރާ ގައުމެއް ކަމަށް ޕޮމްޕޭއޯ ވިދާޅުވިއެވެ. އެމެރިކާއަކީ ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލުތަކަށް ވަކާލާތު ކުރާ ގައުމެއް ކަމަށާ، އެމެރިކާއަކީ އެކުވެރިކަން ބަދަހި ކުރާ ގައުމެއް ކަމަށްވެސް ޕޮމްޕޭއޯ ވިދާޅުވިއެވެ. މި ބިންގަލުގެ މަތީގައި ބިނާ ކުރެވޭ ބަދަހި ގުޅުމާއެކު ދިވެހިރާއްޖެއަށްވެސް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

ޕޮމްޕޭއޯގެ ރާއްޖެ ދަތުރު ނިންމަވާލެއްވީ، އެ ގައުމުގެ ރެސިޑެންޓް އެމްބެސަޑަރެއް ހުންނަވާ ގޮތަށް، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވާނެކަން އިއުލާން ކުރައްވަމުންނެވެ. މިކަމާ ބެހޭ ގޮތުން ޗައިނާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.