ޕްލާސްޓިކާ ދެކޮޅަށް ދުނިޔެ ކުރަމުންދާ ހަނގުރާމާގައި އެކި ގައުމުތަކުން ތަފާތު އުކުޅުތައް ބޭނުން ކުރަމުންދާއިރު، ގަލަމާއި ދަތްއުނގުޅާ ބުރުސް ރީސައިކަލް ކުރުމުގެ މަސައްކަތް، އަވަށްޓެރި ސްރީލަންކާއިން ފަށައިފިއެވެ.

ގަލަމާއި ދަތްއުނގުޅާ ބުރުސް ރީސައިކަލް ކުރުމުގެ މަޝްރޫއަކީ ސްރީލަންކާ ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށް ލަންކާ ރައީސް އޮފީހުގެ މީޑިއާ ޑިވިޝަން (ޕީއެމްޑީ) އިން ޚަބަރު ދެއެވެ. މި މަޝްރޫއަށް ހާއްސަކޮށްގެން ސްރީލަންކާއިން ހާއްސަ ކޮންޓޭނަރެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ފުރަތަމަ ކޮންޓޭނަރު ހަވާލުކޮށްފައި ވަނީ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއެވެ.

ޕީއެމްޑީއިން ބުނީ ސްރީލަންކާގެ އެކި ސްކޫލްތަކުން ދުވާލެއްގެ މައްޗަށް އުކާލާ ގަލަންތަކުގެ ބަރުދަނުގައި 80 ކިލޯގްރާމް ހުންނަ ކަމަށެވެ. އަދި އަހަރަކު 29000 ކިލޯގްރާމްއަށް މިއަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޕީއެމްޑީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ތައުލީމު ފޯރުކޮށްދޭ އާންމު އަދި ޕްރައިވެޓް މުއައްސަސާތަކުން އުކާލާ ގަލަންތަކުގެ ތަފާސް ހިސާބުތައް ހިމަނާފައި ނުވާ ކަމަށްވެސް ޕީއެމްޑީއިން ބުނެއެވެ.

ތިމާވެށީގެ ތަޖިރިބާކާރުން ބުނާ ގޮތުގައި ބޭނުން ކޮށްފައި ހުންނަ ގަލަމާ ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ހަލާކުވެ ދިއުމަށް 100-500 އަހަރު ދުވަސް ހޭދަވެއެވެ.

ގަލަމާއި ދަތްއުނގުޅާ ބުރުސް ރީސައިކަލް ކުރުމަށް ސްރީލަންކާއިން ފަށާފައިވާ މަޝްރޫއުގެ ދަށުން ބަހައްޓާ ފޮށިތަކަށް އަޅާ މިފަދަ ސަމާނު ގަންނާނީ ވެކްސް އިންޑަސްޓްރީޒް ޕްލާސްޓިކްސް ލިމިޓަޑުންނެވެ. މި މަޝްރޫއުގައި ޕަބްލިކް އަދި ޕްރައިވެޓް އިދާރާތައް ބައިވެރިވުން ލާޒިމު ކުރުމުގެ މަސައްކަތް، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ.