މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެމްއެމްޕީއާރުސީގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ އެ ދެ ބޭފުޅުން ހާޒިރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވިއެވެ.
އެ މައްސައިގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ނިހާން ކޮމިޝަނަށް ހާޒިރު ކުރިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދުވަހު ނިހާނަށް ފުރުސަތު ދިނީ ވަކީލަކާ އެކު ކޮމިޝަނަށް ހާޒިރު ވުމަށެވެ. އެގޮތުން ނިހާން ކޮމިޝަނަށް މިއަދު ވަޑައިގަތީ ގާނޫނީ ވަކީލަކާ އެކު ކަމަށާއި ބޭންކު އެކައުންޓުތަކުގެ ތަފުސީލު ވެސް އެސެޓު ރިކަވަރީ ކޮމިޝަނާ މިއަދު ހިއްސާ ކުރެއްވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ކުރިން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރިޔާސީ ކޮމިޝަނަށް ހާޒިރު ކޮށްފައިވާ ކަމަށް ހަބަރު ފެތުރުނެވެ. ނަމަވެސް އެ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށް އައްސަދު ވިދާޅުވިއެވެ.
ހިޔާނާތާ ގުޅިގެން ކުރީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެކަން އެ ކޮމިޝަނުންވެސް ޔަގީން ކޮށްދެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުންވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެއެވެ.
އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއް ކޮށް ހުކުމެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބަށެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.