ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކަށް ދަތުރު ފައްޓަވާފައިވާ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއަށް، ބޭނުންފުޅުވާހާ ގޮތެއް ނުހެއްދެވޭނެ ކަމަށް އަވަށްޓެރި ސްރީލަންކާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ހާރިޖީ ވަޒީރު ޕޮމްޕޭއޯ، ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 27 ގެ ނިޔަލަށް ތާވަލުކުރައްވާފައިވާ އިންޑިއާ ލެގް ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގަތުމުގެ ކުރިންނެވެ.

ލަންކާއަށް ޕޮމްޕޭއޯ ވަޑައިގަތުމުން، އެމެރިކާގެ ހިތް އެދޭހާ ގޮތަކަށް ލަންކާއިން ކިޔަމަން ނުވާނެކަން އިހުލާސްތެރިކަމާއެކު އެ ގައުމުގެ އިސްވެރިން ޕޮމްޕޭއޯއަށް ދަންނަވާނެ ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސްރީލަންކާގެ ނިންމުންތަކަކީ އިންތިހާބީ އިމުގެ ތެރެއިން، ގާނޫނާއި ގަވައިދުތަކާ ތައާރަޒު ނުވާ ބީދައަކުން ނިންމާނެ ކަންތައްތަކެއް ކަމަށްވެސް ޕޮމްޕޭއޯއަށް އެ ގައުމުގެ އިސްވެރިން ދަންނަވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ލަންކާއަށް ވަޑައިގެން ޕޮމްޕޭއޯ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ 480 މިލިއަން ޑޮލަރިގެ އަގުހުރި، މިލޭނިއަމް ޗެލެންޖް ކޯޕަރޭޝަން ގްރާންޓަށް ލަންކާގެ ރުހުން ހޯއްދެވުމަށެވެ. މީގެ އިތުރުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް ނުވަތަ އެހެން ގައުމެއްގެ (މިހާލަތުގައި ލަންކާ)ގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ ބާރުތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ އާ (ސޯފާ) އެއްބަސްވުމަށްވެސް ޕޮމްޕޭއޯ ބާރު އަޅުއްވާނެ ކަމަށް ޚަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ފިނި ހަނގުރާމައެއް ފަދައިން އެމެރިކާއާއި ޗައިނާގެ ފެކްޝަނެއް އުފެދެމުންދާއިރު، ލަންކާއަކީ ޗައިނާއާ ގާތް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ގައުމެކެވެ. ދާދި ފަހުންވެސް ސްރީލަންކާއިން ވަނީ ޗައިނާގެ އިސް ވެރިންގެ ވަފުދަކަށް މަރުހަބާ ކިއާ، ޗައިނާގެ އެހީގައި ހިފާފައެވެ.