އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށްޓަކައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ފާހެއް ނުވިއެވެ.

މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގިނަ މެމްބަރުންނަށް ފެނުނީ، އޭސީސީ މެބްބަރުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްވީ، އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ކަންކަން ސާފު ކުރުމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ކޮވިޑް-19 ގެ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނިންމައި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާތައް އުފުލޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނެތް ކަމަށް ޕީޖީ އިން ވިދާޅުވެފައިވަނިކޮށެވެ.

އޭސީސީގެ މަސައްކަތްތަކާ މެދު މަޖިލީހުގެ އެމްޑީޕީއަށް ގިނަ މެންބަރުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.