މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހު ހަފުތާއަށް ފެށުނުއިރު ބައިނަލްއަގުވާމީ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ އެއް ޚަބަރަކީ، ދުނިޔޭގެ ސުޕާޕަވަރުގެ ގޮތުގައި އޮތް އެމެރިކާގެ އެންމެ ނުފޫޒުގަދަ ވަޒީރު، މައިކަލް ޕޮމްޕޭއޯ، ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ޒިޔާރަތް ކުރައްވާ ޚަބަރެވެ. ދުނިޔޭގެ ޖިއޮގްރަފިކް އިސްތިރާޖަށް ބަލާއިރު އެންމެ މައި ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ގުނާލެވޭ އިންޑިއާ ކަނޑުގެ 3 ގައުމެއްގެ އިތުރުން، މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާއަށް ޕޮމްޕޭއޯ ދަތުރު ފެއްޓެވީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމެރިކާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޗައިނާއިން ދުނިޔެއަށް އަތްގަދަ ކޮށްފާނެ ހުރިހާ ދޮރެއް ބަންދު ކުރުމުގެ ފަލްސަފާއެއް ތަންފީޒު ކުރަމުން އަންނަ އެމެރިކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށްވާ، ޕޮމްޕޭއޯގެ އޭޝިއާ ދަތުރުނަމާގެ އެޖެންޑާގައި ޗައިނާއާ މިހާރުވެސް ކޯޅެމުންދާ އިންޑިއާ، ޗައިނާގެ "ދަރަނި ދަންތުރާގައި" ބަނދެވެމުން ދާ ސްރީލަންކާގެ އިތުރުން، ޑިމޮކްރަޓިކް ވެއްޓަށް އައި ބަދަލާއެކު ސަމުގާގެ މިސްރާބު ޗައިނާއާއި ފެއަށް އަނބުރާލި މި ކުޑަކުޑަ ދިވެހިރާއްޖެވެސް ހިމެނެއެވެ.
2+2 މަޝްވަރާތައް
ޕޮމްޕޭއޯގެ ދެކުނު އޭޝިއާ ދަތުރުގެ މައިގަނޑު މަގުސަދަކީ، އިންޑިއާއާ އެކު ކުރިއަށް ގެންދާ ސިލްސިލާ މަޝްވަރާތައް ނުވަތަ 2+2 ގެ މަޝްވަރާތަކެވެ. ޕޮމްޕޭއޯއާ އެކު އެމެރިކާގެ ދިފާއީ ވަޒީރު، މާކް އެސްޕާވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
އަންގާރަ ދުވަހު އޮންނަ 3 ވަނަ "2+2"ގެ މަޝްވަރާތަކުގައި އިންޑިއާ ތަމްސީލު ކުރައްވާނީ ދިފާއީ ވަޒީރު ރާޖުނާތު ސިންހް އަދި ހާރިޖީ ވަޒީރު އެސް ޖައިޝަންކަރެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ވާނީ ދޭދޭ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން މިއަދު ކުރިމަތިލާން ޖެހިފައި ވާ މައްސަލަތަކުގެ މައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ސޮއި ނުކުރެވި ދިގުލާފައިވާ ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ)ގައިވެސް ކުރިއަށް އޮތް 48 ގަޑިއިރެއް ހާއިރު ތެރޭގައި ސޮއި ކުރެވޭނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުން މައިގަނޑު ގޮތެއްގައި އަމާޒު ވަނީ ޖިއޮސްޕޭޝަލް އިންޓެލިޖަންސްއަށެވެ. މިއީ ޖިއޮގްރަފީ ގޮތުން ގައުމު އޮންނަ ސަރަހައްދުން ޖާސޫސީ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުމަށް ބާރު ދެނިވި އެއްބަސްވުމެކެވެ. ދިފާއީ ބޭނުން ތަކަށްޓަކައި ޗާޓުތަކާއި، ސެޓެލައިޓް ފޮޓޯތައް ހިއްސާ ކުރެވޭނެއެވެ. އިންޑިއާއަކީ އެމެރިކާގެ "ދިފާއީ ބައިވެރިއެއް" ކަމަށް އެ ގައުމުން ކަނޑައެޅީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ލަންކާގައި ޕޮމްޕޭއޯއަށް ތާއީދެއް ނެތް
ޕޮމްޕޭއޯގެ އޭޝިއާ ދަތުރުގެ ދެވަނަ ލެގްގައި އޮތީ އަވަށްޓެރި ސްރީލަންކާއެވެ. ލަންކާއަށް ވަޑައިގެން ޕޮމްޕޭއޯ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ 480 މިލިއަން ޑޮލަރުގެ އަގު ހުރި، މިލޭނިއަމް ޗެލެންޖް ކޯޕަރޭޝަން ގްރާންޓަށް ލަންކާގެ ރުހުން ހޯއްދެވުމަށެވެ. މީގެ އިތުރުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް ނުވަތަ އެހެން ގައުމެއްގެ (މިހާލަތުގައި ލަންކާ)ގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ ބާރުތަކަށް ހާއްސަ އިމްތިޔާޒު ތަކެއް ލިބިދޭ އާ (ސޯފާ) އެއްބަސްވުމަށް ވެސް ޕޮމްޕޭއޯ ބާރު އަޅުއްވާނެ ކަމަށް ހަބަރު ލިބެއެވެ.
ކަން މިހެން އޮތް ނަމަވެސް، މިއީ، ހާރިޖީ ސިޔާސަތުތަކުގެ މަސްދަރަކީ ވަކި ފަރާތަކަށް ބުރަ ނުވުން ކަމަށް ބުނަމުން އަންނަ ލާންކާއަށް ހާއްސާސީ މައުލޫތަކެކެވެ. ޗައިނާގެ މަތީ ފެންވަރުގެ ވަފުދެއް ލަންކާއަށް ޒިޔާރަތް ކޮށް، ލަންކާގެ އިތުބާރު ކަށަވަރު ކޮށްފައި ވާ ކަމީ، ޕޮމްޕޭއޯގެ ލަންކާ ލެގުން މާ ބޮޑު ކަމެއް ހާސިލު ނުވާނެ ކަމަށް ބުނެވިދާނެ އިތުރު ސަބަބެކެވެ.
އެޖެންޑާ ނަމްބަރު 3 – ދިވެހިރާއްޖެ
ލަންކާ ލެގަށް ފަހު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ހާރިޖީ ވަޒީރުގެ މިސްރާބު އޮތީ އިސްތިރާޖީ ގޮތުން ބަލާއިރު، އިންޑިއާ ކަނޑުގެ ރަންމުތުގެ ގޮތުގައި ސިފަކުރެވިދާނެ، ދިވެހިރާއްޖެ އަށެވެ. ޕޮމްޕޭއޯ ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 28 ވާ ބުދަ ދުވަހުއެވެ. ރާއްޖެ ވަޑައިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބައްދަލު ކުރައްވާނެ ކަން ފިޔަވާ އިތުރު އެއްވެސް ކަމެއް، ރަސްމީ ސިފައެއްގައި ދިވެހި ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ބަހުސްތަކަށް ފުރުސަތު ހުޅުވެނީ މިހާ ހިސާބުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެންމެ ވަރުގަދަ މަޝްވަރާ މޭޒުތައް ދޮށުން ނޫނީ ފެނިވަޑައި ނުގަންނަވާ ޕޮމްޕޭއޯ، މި ކުޑަކުޑަ ދިވެހިރާއްޖެ އަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވަނީ ކީއްވެތޯ ހަމަ ކޮންމެ މީހަކަށްވެސް ސުވާލު ކުރެވޭނެކަން ޔަގީނެވެ. ކޮންމެ ގޮތަކަށް ވިސްނި ކަމުގައި ވީ ނަމަވެސް، މި ދަތުރުގެ މަގުސަދު ހުލާސާ ވަނީ މައިގަނޑު 2 މައުޟޫ އަކަށެވެ. އެއީ ދިފާއީ މަގުސަދެއް އޮވެގެން ކަމަށް ބުނާ މަގުސަދަކާ، އިގުތިސޯދީ މަގުސަދެއް އޮތް ކަމަށް ބުނާ މަގުސަދެވެ. މީގެ ތެރެއިންވެސް އެންމެ ބާރަށް ދެކެވެނީ ދިފާއީ މަގުސަދުގެ ވާހަކައެވެ.
ސޯފާ އެގްރީމަންޓް
އެމެރިކާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ޒަމާންވީ، ބަދަހި، ތާރީހީ ގުޅުމެކެވެ. ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ އެކުވެރިކަމެއް އޮތް މި ދެ ގައުމުގެ ގުޅުމަށް ކިލަނބު ކަމުގެ ހިޔަންޏެއް އެޅުމާ ގާތަށް ވެސް ދާން ފެށީ 2012 ވަނަ އަހަރާ ހިސާބުން ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތަށް އެރި ވަރުގަދަ ލޮޅުމާ އެކުގައި ކަމަށް ދެންނެވި ދާނެއެވެ.
އެމެރިކާ އިން ރާއްޖެ އަށް ހުށަހަޅާފައި ވާ، އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ)ގެ އެއްބަސްވުމަށް ދިވެހިރާއްޖެއިން ރުހުން ދެވެން ނެތްކަމަށް 2013 ވަނަ އަހަރުގެ މެދަކާ ހިސާބުގައި އޮތް ދިވެހި ސަރުކާރުން ނިންމިއެވެ. އެކަމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާތަކެއް ނުހިނގާ ކަމަށްވެސް ސަރުކާރުން ހާމަކުރިއެވެ. އަދި އޭރު މީޑިއާގައި ދައުރިވި ސޯފާ އެއްބަސްވުމަކީ ސައްހަ އެއްޗެއް ނޫންކަމުގެ އަޑުތައްވެސް ފެތުރުނެވެ.
ނުދެކެވި އޮތީ 2004 ވަނަ އަހަރުވެސް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޯފާ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރެވުނު ކަމުގެ ވާހަކަތަކެވެ. މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ސުނާމީއަށް ފަހު އެމެރިކާ ސިފައިން ދިވެހިރާއްޖޭގައި ގާއިމު ކުރުމުގެ މަޝްވަރާތައް ހިނގިކަން، އެމެރިކާ ހާރިޖިއްޔާގެ އަރުޝީފުގައި ހުރި ލިޔެކިއުންތައް ހެކިދެއެވެ.
2013 ވަނަ އަހަރުގެ ފަހުކޮޅު، ރާއްޖޭގެ ވެރިކަން އަނެއްކާވެސް ބަދަލުވިއެވެ. އެ އައި ސަރުކާރުގެ ހާރިޖީ ފޭރާން ގަތަމުން ދިޔައީ ޗައިނާގެ ފަރުމާ ތަކަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޗައިނާއަކީ އަބަދުވެސް އެމެރިކާގެ އަދުއްވެކެވެ. މިއާއެކު ޗައިނާގެ މައްޗަށް ބަރޯސާވާ ގައުމުތައް މަދުކޮށް، އެމެރިކާއާ ވީކޮޅަށް ގައުމުތައް އެނބުރުމުގެ ސިލްސިލާ އޭރުވެސް ދިޔައީ ކުރިއަށެވެ. އެކި ގޮތް ގޮތުން ގައުމުތައް ޗައިނާއާ ދުރުކުރުމުގެ މަސައްކަތް އޭރުވެސް ހިނގިއެވެ. 5 އަހަރު ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވެ، ސިޔާސަތުތައް ޗައިނާ އާ ފެއަށް ޖެއްސިއެވެ.
އަދުގެ ސަރުކާރާއި އެމެރިކާގެ ބަދަހި ގުޅުން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަދި 2 އަހަރުވެސް ނުފުރެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ ސުޕާޕަވަރުގެ ކުރިމަތީގައި ރާއްޖޭގެ ނަން މުހިންމެވެ. އެމެރިކާގެ މުހިންމު ޕްލޭންތަކުގައި ރާއްޖެ ހިމެނެއެވެ. އެހީގެ ލިސްޓުގައި ރާއްޖެ އޮވެއެވެ. މިކަމުގެ އެއް ހެއްކަކީ، ހުސްވި ސެޕްޓެމްބަރު މަހު ސޮއި ކުރެވުނު ވަރުގަދަ ދިފާއީ އެއްބަސްވުމެވެ.
މިއީ ދުނިޔޭގެ ބޮޑު ބާރަކާއެކު ދިވެހިރާއްޖެއިން އެކުލަވާލި މިފަދަ ފުރަތަމަ އެއްބަސްވުން ކަމުގައިވެސް ދެންނިދާނެއެވެ. ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އުސްތާޒާ މާރިއާ އަހުމަދު ދީދީ ސޮއިކުރައްވާފައި ވާ "ފްރޭމްވޯކް ފޮ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް، ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" އެއްބަސްވުމުގެ ތަފްސީލުތަކެއް އަދާ ޖެހުނުއިރުވެސް ފެންނަ ގޮތެއް ނުވެއެވެ.
ދެން އިވުނީ އެމެރިކާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރައްވާ ޚަބަރެވެ. އަދި މި ދަތުރުގެ ތެރެއިން މުހިންމު ކަމެއް އިއުލާން ކުރެވިގެން ދާނެ ކަން، އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ބަޔާން ކޮށްފައެވެ.
ޖިއޮގްރަފިކް އިސްތިރާޖަށް ބަލާއިރު ދިވެހިރާއްޖެއަށް ލިބިފައިވާ ނަސީބު ބޮޑެވެ. މިއީ ހެޔޮ ނަސީބެއް ތޯ ބަދު ނަސީބެއް ތޯ ވަޒަން ކުރެވެން އޮތީ، ހިކުމަތުގެ ބޭނުން ކުރަން އެނގިގެންނެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައި ވަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ލޭން ތަކެއްގެ މަތީގައެވެ. ބައިނަލްއަގުވާމީ ތެލުގެ ސިނާއީ ވިޔަފާރީގެ މުހިންމު ރޫޓްތަކެއްގެ 80 ޕަސެންޓް ހިއްސާ ކުރަނީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދެވެ.
ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތް ތަކަކީ، ހަކަތައާއި ގުދުރަތީ މައުދަންތަކަށް ބަރޯސާވެގެން އެ ވިޔަފާރީގައި ހަރަކާތްތެރިވާ ގައުމުތައް ނުތަނަވަސް ކުރުވަނިވި ހަރަކާތް ތަކަށް ވެއެވެ. މެދުއިރުމައްޗާއި އެފްރިކާއިން ތެލާއި ގުދުރަތީ މައުދަންތައް ހޯދުމަށް ބަރޯސާ ވެފައިވާ ޗައިނާއަށް މިކަމުގައި އޮތް ބިރު، އިންތިހާއަށް ބޮޑެވެ. ވީއިރު، އިގުތިސޯދީ އަދި އަސްކަރީ ބާރުވެރި ކަމުގައި ޗައިނާއިން ދޫ ނުދޭން ފައިވިއްދައިގެން އޮތް އެމެރިކާގެ ހާރިޖީ އިސްތިރާޖުގައި ރާއްޖެ ފަދަ ގައުމަކަށް ސަމާލުކަން ނުދޭނެ ކަމަށް ދަންނަވަން އޮތީ ހަނި ފުރުސަތެކެވެ.